ގްލޯބަލް ރިސައިކަލިން ޑޭއާ ގުޅިގެން، މާލެ ސިޓީ ކައުންސިލުން "ގެޓް ކްރިއޭޓީވް ގޯ ގްރީން އެންޑް ވިން ބިގް" ނަމުގައި ކުރިއަށް ގެންދިޔަ ޓިކްޓޮކް ޕްލެޓް ފޯމުން ވަނަތައް ޙާޞިލްކުރި ފަރާތްތައް ހޮވައި ނަތީޖާ ފާޅުކޮށްފިއެވެ.
2025 މާޗް މަހު ކުރިއަށްގެންދިޔަ މި މުބާރާތުގެ ވަނަތައް ޙާޞިލްކުރި ފަރާތްތަކަށް އިނާމުދިނުން އޮތީ2025 މޭ 5 ވީ ހޯމަ ދުވަހު، މި ކަމަށް ޓަކައި ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ގޯތި ތެރޭގައި ބޭއްވި ޖަލްސާއެއްގައެވެ.
ހުރިހާ ޢުމުރު ފުރާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފަޚުރުވެރި އެއްވަ ޙާޞިލްކުރީ، ޢަލީ ހިސާމް ޕެންޒީމާގެ، ށ. ފޭދޫއެވެ. އެ ފަރާތަށް ކަނޑައަޅާފައިވާ 6000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.
މި މުބާރާތުގެ ދެވަނަ ޙާޞިލްކުރި ޢައިޝަތު ކައިރާ އިސްމާޢިލް، މ. ޕިކް ޑްރީމެވެ. ދެވަނަ ޙާޞިލްކުރި ފަރާތަށް ކަނޑައަޅައިފައިވާ 4000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެއްވީ، މައްޗަންގޯޅި އުތުރުދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދެވެ. އަދި މުބާރާތުގެ ތިން ވަނަ ޙާޞިލްކުރި ޔޫސުފް އަޒާން އަހުމަދު، ހުޅުމާލެ ފްލެޓް 05-02-47 އެވެ. ތިން ވަނަ ޙާޞިލްކުރި ފަރާތަށް ކަނޑައަޅައިފައިވާ 2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދެވެ.
މުބާރާތުގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނައާއެކު މުބާރާތުގެ އެންމެ މޮޅު ފަސް ފަރާތް ހޮވައި އެ ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ދެއްވައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންނަކީ އަލީ ހާސިމް، އައިޝަތު ކައިރާ އިސްމާޢިލު، ޔޫސުފް އަޒާން، ޒިކާން ހަސަން އަދި ފަޡީލާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ، ރިސައިކްލިން ޑޭއާ ގުޅިގެން ކުރިއަށް ގެންދިޔަ މި މުބާރާތުން ވަނަތައް ޙާޞިލް ކުރެއްވި ފަރާތްތަކަށް ހޫނު މަރުހާބާއެއް ދަންނަވާ ކަމަށާއި ރިސައިކަލް ކުރުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މުހިއްމު ކަމެއް ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ މިއަދު ދުނިޔެ ތަރައްޤީވެ، ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ގިނަވުމުން، އުކައިލަންޖެހޭ ތަކެތި ވެސް ދަނީ އިތުރު ވަމުން ކަމަށާއި ކުނި ނައްތައިލުމަކީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ، ގޮންޖެހުން ބޮޑު، ގިނަ ޚަރަދު ކުރަންޖެހޭ މަސަކަތަކަށް ވެފައިވާ ކަމަށެވެ. އަދި ކުނީގެ ގޮތުގައި އުކައިލަންޖެހޭ ވަރަށް ގިނަ ބާވަތުގެ ތަކެއްޗަކީ ރީސައިކަލް ކޮށްގެން، ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ތަކެތިކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ރިސައިކްލިން ޑޭއަކީ، ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.