ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމް ދީނާ ގުޅޭ ޞައްޙަ، ތެދު، މަޢުލޫމާތު ހޯދުމަށް މަގު ފަހިވާނެ ކަންތައް ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީން، ނިމިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ، ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، އަންގާރަ ދުވަހުގެ ރޭ މެންހަޓަން ބިޒްނަސް ހޮޓަލްގައި ދެއްކެވި ވާހަކަ ފުޅުގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިންނަކީ ވަރަށް ގިނަ ގޮތްގޮތުން ނަސީބުވެރި ބައެއް ކަމަށާއި އޭގެތެރެއިން ވެސް އެންމެ ޚާއްޞަ ކަމަކަށް ދެކެނީ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން ކަމުގައިވުން ކަމަށެވެ. އެހެންކަމުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމް ދީނާ ގުޅޭ ޞައްޙަ، ތެދު، މަޢުލޫމާތު ހޯދުމަށް މަގު ފަހިވާނެ ކަންތައް ކުރަން ޖެހޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
"މިފަދަ މުބާރާތުން ކުރާނެ ފައިދާތައް ގިނަގުނަ. މި ގޮތުން ސުވާލުތަކުގެ ޖަވާބު ހޯދުމަށް ފޮތްތަކާއި މަޖައްލާތައް އަދި އޮންލައިން ވަޞީލަތްތައް ބަލަންޖެހޭ. މިއިން ކޮންމެ ކަމަކީ މަޢުލޫމާތު މުއްސަނދިވާނެ ކަމެއް. " މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީން، އުޚުތުންގެ ޤުރުއާން މުބާރާތާއި ދީނީ ސުވާލު މުބާރާތް ބާއްވައިގެން މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އެބަ އިތުރުކޮށްދެއްވާ ކަމަށެވެ. އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއަކީ، ނަމޫނާއަކަށް ބަލަން ޖެހޭ ފަދަ މަސައްކަތްތަކެއް ކުރައްވާ ކޮމިޓީއެއް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މިމުބާރާތުގެ އެންމެ މޮޅު ފަސް ފަރާތް ހޮވާފައިވަނީ ގުރު ނަގައިގެންނެވެ. އެފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ މޭޔަރ އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް އެވެ.