މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މެއި މަހުގެ 11 އިން 17 ގެ ނިޔަލަށް، 305 މައްސަލައަށް އެޓެންޑް ކުރެވިފައިވާ ކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 192 މައްސަލަ ނިމިފައިވާއިރު ދެވަނަ ފަހަރަށް ގޮސް ބަަލައި ޗެކްކޮށްފައި ވަނީ 113 މައްސަލައެވެ. އޭގެ ތެރެއިން ނަސޭހަތް ދެވިފައިވާ 8 މައްސަލަ އާއި ޖޫރިމަނާ ކުރެވިފައިވާ 13 މައްސަލަ ހިމެނޭ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
މި ރިޕޯޓްގައި ބުނެފައި ވާގޮތުން އެންމެ ގިނައީ އާންމު ޝަކުވާތަކުގެ ތެރޭގައި ހިމެނޭ، ފުރާޅު ނޫނީ ދިޔަދޮވި އަދި އެއަރ ކޮންޑިޝަން އައުޑޯރ ޔުނިޓުތަކުން މަގުތަކަށް ފެން ލީކުވުން ނުވަތަ ފެން ތިކިޖެހުމުގެ މައްސަލައެވެ. އެ ގޮތުން މި މައްސަލައިގެ 79 ޝަކުވާއެއް ވަނީ ރިޕޯޓް ކުރެވިފައެއެވެ.
ދެ ވަނައަށް އެންމެ ގިނަ ޝަކުވާ ހުށަހެޅުނު ކަމަށް މި ރިޕޯޓުގައި ފާހަގަ ކުރެވިފައި ވާނީ ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަގުތަކާއި ގޯޅިތަކާއި ހުސް ބިންތަކުގައި ކުނި އަޅާފައިވާ ޖުމްލަ 74 ޝަކުވާއެއް ވަނީ ރިޕޯޓްކޮށްފައެއްވެ. މިކަން ބޮޑަށް ރިޕޯޓް ކުރެވިފައިވާނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި ބައެއް ސީސީޓީވީ ކެމެރާތައް ބެލުމަށް ފަހު ކަމަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ތިން ވަނައަށް އެންމެ ގިނަ ޝަކުވާގެ ގޮތުގައި ރިޕޯޓް ކުރެވިފައި ވަނީ އާންމު ރައްކާތެރި ކަމާ ގުޅޭ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ، މަގުގެ ޕޭވްމަންޓް، ކާނު، މަގުގެ ގައުތައް ނޫނީ ތާރުތައް ނެއްޓި ހަލާކުވެފައިވާ މައްސަލައެއްވެ. އެ ގޮތުން މި މައްސަލައިގެ 34 ޝަކުވާއެއް ވަނީ ރިޕޯޓްކުރެވިފައެވެ.
ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރު ކުރި މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ 8 ކަމުގެތެރޭގައި ހިމެނެނީ ކުނިމެނޭޖް ކުރުމާ ގުޅޭ މައްސަލަ ތަކާއި އާންމު އިޖްތިމާއި މިންގަޑާއި ޚިލާފު އުސޫލްތަކުގެ މައްސަލަތަކާއި ގަވާޢިދާ ޚިލާފު ހަރަކާތްތަކާއި ވިޔަފާރީގެ އުސޫލްތަކުގެ މައްސަލަތަކާއި އާންމު ޝަކުވާތަކުގެ މައްސަލަތަކާއި އާންމު ރައްކާތެރި ކަމުގެ މައްސަލަތަކާއި އާންމު ޞިއްޙަތުގެ މައްސަލަތަކާއި ޓްރެފިކް އަދި ޕާކިން ވޮއިލޭޝަން މައްސަލަތައް އަދި ގުދުރަތީ ތިމާވެށީގެ މައްސަލަތަކެވެ.