މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)ގެ ފުރަތަމަ އަހަރީ އާންމު ކޮންފަރެންސް (އޭޖީސީ) 2025 ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި ޗައިނާ، އިންޑިޔާ، އޮސްޓްރޭލިޔާ، ޖަޕާން އަދި ބަންގްލަދޭޝްގެ ހައި ކޮމިޝަނަރުންނާއި، ސަފީރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކި ކައުންސިލްތަކުގެ މޭޔަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މެއި 24 އިން 26 އަށް ކުރިޔަށް ދާ މި ކޮންފަރެންސް އަކީ މެމްބަރުންގެ މެދުގައި އެއްބާރުލުން ހަރުދަނާކޮށް، ލޯކަލް ކައުންސިލްތަކުގެ އަޑު އުފުލައި، އަދި ކުރިމަގު ފަހި ސިޔާސަތުތަކަށް މަގުދައްކައި ދިނުމުގެ މަޤްޞަދުގައި އެމްއެލްސީއޭ އިން ކުރިޔަށް ގެންދާ ކޮންފަރެންސް އެކެވެ.
މި ކޮންފަރެންސްގައި، ބައިވެރިންގެ ފަރާތުން ލާމަރުކަޒީ ނިޒާމާއި، މެމްބަރުންގެ ހައްޤުގައި ވަކާލާތުކުރުމަށް އިސްކަންދޭ ކަންކަން ފާހަގަކޮށް އެކަމާއި ގުޅޭ ޕްލޭނެއް އެކުލަވާލައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން، ކައުންސިލަށް ލިބިދޭ ބާރުތަކާއި އެކަމަށް ފުށުއަރާ ކަންތައްތައް ފާހަގަކޮށް، އެކަމާއި ގުޅޭ ސިޔާސަތު ކަރުދާހެއް އެކުލަވާލާނެ ކަމަށް އެމްއެލްސީއޭ އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ކައުންސިލުން ކުރިޔަށް ގެންދާ އެކިއެކި ކާމިޔާބު މަޝްރޫޢުތައް ފާހަގަކޮށް، އެކަންތައްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި، އެމްއެލްސީއޭގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، މެމްބަރުންގެ ބައިވެރިވުން އިތުރުކުރުމާއި، ޖަމްޢިއްޔާގެ އަހަރީ ހަރަކާތްތަކުގެ ޕްލޭނާއި ބަޖެޓް ފާސްކުރުން ވެސް އޮންނާނެ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
