ދުނިޔޭގެ އެތައް މިލިއަން ކުޑަކުދިން ދިރިއުޅެމުން ދަނީ، ނުރައްކާތެރި ހާލަތެއްގައި ކަމަށް މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ، އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޣައްޒާގެ ޙާލަތައް ރިޢާޔަތް ކުރައްވައި ކުރެއްވި މި ޕޯސްޓްގައި، މޭޔަރ ޢާޒިމް ވިދާޅުވީ، ޣައްޒާގައި އެކަނި ވެސް، 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް 15،000 ވުރެ ގިނަ ކުޑަ ކުދިން ޒަޚަމްވެ، ނުވަތަ މާރާލެވިފައިވާ ކަމަށެވެ.
އަދި މި ދުވަހާ ގުޅިގެން މޭޔަރ ޢާޒިމް ވަނީ، އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މަތިން ހަނދާންކޮށް، އެ ކުދިން މިހާރު ދިރިއުޅެމުންދާ ހިތްދަތި ދިރިއުޅުމަށް، ބަދަލެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.
ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ، އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 4 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަ ކުރަނީ ދުނިޔޭގައި ޖިސްމާނީ، ނަފްސާނީ، އަދި ޖަޒްބާތީ، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުޑަ ކުދިން ތަޙައްމަލްކުރަމުންދާ ވޭނާއި ތަކްލީފު ފާހަގަ ކުރުމުގެ ގޮތުންނެވެ.