ދިވެހި ރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުން، ތިމާވެށީގެ އެންމެ ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އެއް ޤައުމުގަކަން ފާހަގަކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ، ތިމާވެށީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ރަށް ގިރުމާއި، އުދަ އެރުމާ ފަރުގެ ގާތަށް މަރުވުމާއި، މޫސުމީ ވިއްސާރައާއި ކުނީގެ މައްސަލަތަކަކީ، އެ ކަންކަމުގެ އުނދަގޫ ތަޙައްމަލް ކުރަން ޖެހިފައިވާ ކަންތައްތައް ކަމަށެވެ.
" މި ހުރިހައި ކަމެއް ހައްލުކުރުމުގެ ބާރު އަޅުގަނޑުމެންގެ ކިބައިގައި ނެތް ނަމަވެސް، ކުނީގެ މައްސަލަ ފަދަ، ތިމާވެށްޓަށް އަސަރުކުރާ، ކަންކަން ޙައްލުކުރމުގެ ބާރު، އަޅުގަނޑުމެން އަތުގައި އެ ބައޮތް" މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ފަޅުތެރެއިން ދުވާލަކަށް، އެންމެ ބޮޑު 100 ޑަސްބިން ކޮތަޅުގެ ކުނި ނަގަންޖެހޭ ކަމަށާއި މާަލޭގެ މަގުމަތިން ދުވާލަކު 30 ޓަނުގެ ކުނި ނަގަން ޖެހޭ، އެހެންކަމުން، ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ކާރިސާގެ ނުރައްކަލަށް ވަރަށް ނާޒުކުކޮށް ހުށަހެޅިފައިވާ ޤައުމަކަށްވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސީދާ ނުރައްކާ ކުރިމަތިވެ، އަދި ރާއްޖޭގެ މުޖުތަމަޢުތަކުން މިހާރު ތަޖްރިބާ ކުރަމުންގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކޮޅިގަނޑުތަކާއި ފެންބޮޑުވުމުގެ މައްސަލަތަކަށް މިރާއްޖޭގެ ތިރި ޖަޒީރާތައް ވަނީ ހުށަހެޅިފައެވެ. އިންސާނުންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކުއްލި ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް މެދުވެރިވެފައިވާ ޙާލަތަކީ، މުޅި ދުނިޔެއަށްވެސް މެދުވެރިވާނެ ޙާލަތެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ކޮންމެ އަހަރެއްގައި ފާހަގަކުރަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި މި ދުވަސް ރަމުޒުކޮށްދެނީ ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކޮށް، ފިޔަވަޅު އެޅުމަށް ހިތްވަރު ދިނުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތެވެ.