މާލެ ސިޓީގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ލޮނުޒިޔާރަތް މަގުގެ ކާނުތައް ސާފުކުރުމަށް ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު މީޑިއާއަށް ދެއްވި އިންޓަވިއުގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް، މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި، ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުން ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް، ކާނުތައް ސާފު ނުކުރުންމުން، ކުނިން، ކާނުތައް ފުރިމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކާނުތަކުގައި ކުނި ގިނަވުމުން، މާލެއަށް ވާރޭ ވެހޭ ކޮންމެ ފަހަރަކު، ކާނުތަކުން، ކުންޏާއި ނަޖިސް އަރައި މަގުމަތީގައި ފެތުރެއެވެ.
މޭޔަރ ޢާޒިމްގެ އަމާޒަކީ، މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.