ޓެކުސްފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާގޮތް ބެލުމަށް، ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކެތް މަދުވެފައި ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ކައުންސިލްގެ، ބޮޑުތަކުރުފާނުމަގުގައި ހުންނަ އޮފީހުގައި ކުރިއަށް ދިޔަ ސެޝަނަށް ފަހު ދެއްކެވި ވާހަކަ ފުޅުގައެވެ..
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ލޭންޑް އޮޑިޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިރާދަ ކުރެއްވިއްޔާ ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން، ލޭންޑް އޮޑިޓް ނިންމައި ހާމަ ކުރާނެ ކަމަށެވެ. އަދި އެކި ފަރާތްތަކަށް ބިންތައް ދީފައި ހުރި ގޮތާއި ބިންތައް ކުއްޔަށް ދީފައި ހުރި މީހުނާއި ކުއްޔަށް ދީފައި ހުރި މުއްދަތާއި ދީފައި ހުރި ކުލި ފަދަ، ހުރިހާ އެއްޗެއް ހާމަ ކުރާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ކައުންސިލްގެ ލޭންޑް އޮޑިޓް ހާމަ ކުރާނީ، އޮޑިޓްކޮށް، ނިންމުމުން އެ މަޢުލޫމާތު ރަނގަޅަށް ޗެކްކުރުމަށް ފަހު ކަމަށެވެ. މާލެ ސިޓީ ކައުންސިލަކީ، މަޢުލޫމާތުތައް ހާމަކުރުމުގައި އެންމެ ކުރީގައި އޮތް ކައުންސިލަށް ހެދުމަށް ޓަކައި، ކައުންސިލަރުން ގެ ފުރުހަމަ އެއްބާރުލުމާއި މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާނު މާލެ ސިޓީގެ މޭޔަރ ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓި ކައުންސިލަކީ، ދެ ފުށްފެންނަ ގޮތަށް ކަންކަން ކުރަމުންދާތަނަކަށް ހެދުމަށް، ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މާލެސިޓީ ކައުންސިލުގެ މަސައްކަތާ ބެހޭ ގޮތުން، ކޮންމެ ރައްޔިތަކާ ސުވާލުކުރުމުން ވެސް، ތެދުވެރިކަމާ ލޯތްބާއެކު، ދެ ފުށް ފެންނަ، އަވަސް ޚިދުމަތްތަކެއް ދެމުންދާ ކައުންސިލެއްގެ ގޮތުގައި، މާލެ ސިޓީ ކައުންސިލް، ރައްޔިތުންނަށް ތަޞައްވުރުވާން ބޭނުންފުޅުވާކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.