14 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުރާވަޑައިގެންފިއެވެ.
އޮސްޓްރިއާގެ ވިއެނާގައި، ޖުލައި 2 އިން 4 އަށް ކުރިއަށްދާ މި ފޯރަމްގައި، މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.
ކައުންސިލް ވަފުދުގެ މި ދަތުރަކީ، މޭޔަރސް ފޯރަމް ބާއްވާ ވޯލްޑް ސިޓީސް ސަމިޓުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ސަމިޓްގެ ޝިޢާރަކީ، އަންނަން އޮތް ޖީލުތަކަށް ދިރިއުޅެން ފަސޭހަ ސިޓީއެއް ބިނާކުރުމަށްޓަކައި، ލޯކަލް ގަވަރމަންޓް ލެވަލްގައި ކުރާ މަސައްކަތަށް ހެޔޮ ބަދަލުކުރުމަށް މަގުފަހުކުރުމެވެ. އަދި މި ދަތުރުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާވެ، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކަން ކުރާގޮތް، ތަޖުރިބާ ލިބިގަތުމެވެ.
މި ދަތުރާ ގުޅޭގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ރާއްޖެ ފަދަ، ކުޑަ ގައުމެއްގެ ބައިވެރިވުން، މި ފަދަ ފޯރަމްތަކަށް މުހިންމު ކަމަށާއި، އެ ގޮތުން ޕޮލިސީ ލެވަލްގައި އެކި ޤައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން، މާލެ ސިޓީ އަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އަދި މި ފޯރަމަކީ، ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންގެ މެދުގައި، ގުޅުން ބަދަހިކުރުމަށާއި، އެންމެ ރަނގަޅު އާދަތައް ހިއްސާކުރުމަށާއި، އަދި ސިޓީތަކަށް ދިމާވެފައިވާ އާންމު ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވިއެނާގެ، ގުދުރަތީ މަންޒަރުތަކުގެ މިސްރާބާއި، މުއްސަނދި ސަގާފީ ތަރިކައަކީ، މި މުހިންމު މަޝްވަރާތަކަށް ދިރުން ލިބިދޭނެ މާހައުލެއް ކަމަށެވެ.
މި ދަތުރުގެ ހަވާސާގައި، ޗައިނާގެ ސޫޒާ ސިޓީގެ މޭޔަރ ވޫ ކިން ކުއެންއާ، މާލެ ސީޓީ ކައުންސިލްގެ ވަފުދު ބައްދަލުކުރުމަށް ވަނީ ނިންމައިފައެވެ. ސޫޖޯ ސިޓީއާއެކު، މާލެ ސިޓީ ކައުންސިލުން ވަނީ 2016 ވަނަ އަހަރު ފެށިގެން، ގުޅިގެން މަސައްކަތް ކުރުމަށް ސިސްޓަރ ސިޓީ އެއްބަސްވުމެއް ހަދައިފައެވެ.
13 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓު އެންމެ ފަހުން ބޭއްވީ ސިންގަޕޫރްގައެވެ.