ފެހި، ފިނި، ތަނަވަސް،ހިތް ފަސޭހަ ސިޓީއަކަށް، މާލެ ސިޓީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ގަލޮޅުގައި ތަރައްޤީކުރަމުން އަންނަ ޕާކިން ޒޯނާއި މައިޒާނުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ކައުންސިލުން، ގަލޮޅުގައި ތަރައްޤީކުރާ މި މައިޒާން ހިމެނޭ ސަރަހައްދުގެ، ދެކުނު ފަރާތުގައި ތަރައްޤީ ކުރާ ސައިކަލް ޕާކިން ޒޯންގެ މަސައްކަތް ޤާތްގަނޑަކަށް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ސައިކަލްތައް، ފަސޭހަކަމާއެކު ޕާކުކުރެވޭނެ ޖާގަ ހޯދައިދިނުމެވެ.
މި ޕާކިން ޒޯން ތަރައްޤީކުރުމުގެ ބޭނުމަކީ، ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ މަގުގައި، މިހާރު ދިމާވެފައިވާ ޓްރެފިކް މައްސަލަ ޙައްލުކުރުމެވެ.
ބޮޑު ރަސްގެފާނު މަގުގައި، ކައުންސިލުން ތަރައްޤީކުރާ މައިޒާނާއި ސައިކަލް ޕާކިން ޒޯންގެ މަސައްކަތާ ގުޅޭ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ޕާކިން ޒޯން ނިމުމާއެކު، ސަހަރާ ކުރިމަތިން އޮންނަ މަގުގައި، މިހާރު އޮންނަ ޕާކިން ޒޯން އުވާލެވި، އެ މަގުގައި ސައިކަލް ޕާކް ނުކުރެވޭނެ ގޮތް ހެދުމަށް ނިންމަވާނެ ކަމަށެވެ. މި ކަމުގެ ސަބަބުން، އެ މަގުގެ ޓްރެފިކް ތޮއްޖެހުން ކުޑަވެ، ގިނަ ބަޔަކަށް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ވެސް، މޭޔަޔ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މި މަޝްރޫޢަކީ، މާލެ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމަށާއި، މި ކަމުގެ ސަބަބުން ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް، ކައުންސިލުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ފެހި، ފިނި، ތަނަވަސް، ހިތް ފަސޭހަ ސިޓީއަކަށް، މާލެ ސިޓީ ބަދަލުކުރުމަށް، މޭޔަރ ޢާޒިމް ވެ ވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމަށް، ޢަމަލީގޮތުން ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސައްކަތް، މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން، ކޮންމެ ދުވަހަކު ވެސް މިހާރު ފެންނަމުން ކަން ފާހަގަ ކުރަމެވެ.