މި އަހަރު ނިމުމުގެ ކުރިން، މާލެ ސިޓީގެ އިމާރާތް ތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ ހައްލުކުރުމަށް، ޚާއްޞަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ވިދާޅުވީ، މާލެ ސިޓީގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މާލޭގެ ބައެއް ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މަސައްލަ ހައްލުކުރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި، އެ ގޮތުން ބުރުޒު މަގުގެ ބައެއް ޢިމާރާތްތަކުން މަގަށް ފެންފައިބާ މައްސަލަ މިހާރު އެއްކޮށް ނިންމާލެވިފައި ކަމަށެވެ.
މިކަމާ ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޟް ވިދާޅުވީ، ބުރުޒު މަގަށް ފެންފައިބާ 40 ޢިމާރާތަކަށް ވަޑައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން، 22 ޢިމާރާތަކުން މަގަށް ފެންފައިބަމުންދިޔަކަން ފާހަގަކުރެވުނު ކަމަށާއި އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ބުރުޒު މަގުން ހައްލު ނުކުރެވިވާ، 28 ގެއެއްގެ މައްސަލައަށް ހައްލު ކޮށްދިނުމަށް އެދި، އެ އިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް، މީކާއީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ނިޔަލަށް، މާލެ ސިޓީގެ މަގުތަކަށް ފެން ފައިބަމުން އަންނަ ހުރިހައި ޢިމާރާތްތަކަށް ގޮސް، އެ ތަންތަނުގެ ވެރިން ނުވަތަ އެ ތަންތަން ބޭނުން ކުރައްވާ ފަރާތްތަކާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުން. މި މަސައްކަތް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުން. މި މި މައްސަލަ އަވަހަށް ނިމުން ބިނާވާނީ ވެސް ރައްޔިތުން ދެއްވާ އެއްބާރުލުމަށް. މިހާރު ވެސް އެ އެއްބާރުލުން ދެއްވާކަން ފާހަގަކުރަން" މީކާއީލް ވިދާޅުވި އެވެ.
މި މަސައްކަތަކީ މާލެ ސިޓީގެ މަގުތައް، ހިތް ފަސޭހަ މަގުތަކަކަށް ހެދުމަށް ޓަކައި ކަޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުއްހިމު އެއް މަސައްކަތްކަން، މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. އަދި މިކަން ޙާޞިލް ކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އެ ރައްޔިތުން ވެސް ޒިންމާތަކެއް ނަންގަވައިގެން ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.