މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 06 ޖުލައި 2025


ހުސްވި ހަފްތާގެ ތެރޭ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 822 މައްސަލަ އެޓެންޑް ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، ހުސްވި ޖޫން މަހުގެ 29 އިން ޖުލައި 6 ވަނަ ދުވަހުގެ ނިޔަލަށް، 822 މައްސަލައަށް އެޓެންޑް ވެފައިވާ ކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 448 މައްސަލަ ނިންމާފައިވާއިރު، ފޮލޯއަޕް ހަދާ ފައިވަނީ، 374 މައްސަލައެވެ. އަދި ނަޞޭޙަތް ދެވިފައިވާ 12 މައްސަލަ އާއި ޖޫރިމަނާ ކުރެވިފައިވާ 15 މައްސަލަ ހިމެނެއެވެ.

"ވީކްލީ ސްޓެޓިކްސް" ގެ ނަމުގައި ނެރޭ މި ރިޕޯޓްގައި ބުނެފައި ވާގޮތުން، އެންމެ ގިނައިން އެޓްންޑް ކުރެވިފައި ވަނީ، އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައެވެ. އެ ގޮތުން މަގުތަކާއި މިސްކިތްތަކާއި މައިޒާން އަދި ޕާކުތަކަށް ބަލައި ޗެކްކުރުމާ ގުޅޭ 259 މައްސަލައަށް ވަނީ އެޓެންޑް ކޮށްފައެވެ.

ދެ ވަނައަށް އެންމެ ގިނައިން އެޓެންޑް ކުރެވިފައިވަނީ ކުނި މެނޭޖްކުރުމާ ގުޅޭ ކަންކަމުގައެވެ. އެ ގޮތުން މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކުގައި ކުނި އެޅުމާ ގުޅޭ 254 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން އެޓްންޑް ވެފައިވަނީ އާންމު ޝަކުވާތަކާ ގުޅޭ ގޮތުންނެވެ. އެ ގޮތުން ފުރާޅު ނޫނީ ދިޔަދޮވި އަދި އެއަރ ކޮންޑިޝަން އައުޓްޑޯރ ޔުނިޓުތަކުން މަގުތަކަށް ފެންލީކުވުން ނުވަތަ ފެންތިކި ޖެހުމާ ގުޅޭ 51 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

ޖުމްލަ އަށް ކަމެއް އެކުލެވޭހެން، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރު ކުރި މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެތެރޭގައި ހިމެނެނީ، ކުނިމެނޭޖް ކުރުމާއި ޢާންމު ޢިޖްތިމާޢީ މިންގަޑާއި ޚިލާފުވުމާއި ޤަވާޢިދާ ޚިލާފު ހަރަކާތްތަކާއި ވިޔަފާރީގެ އުސޫލްތަކާ ޚިލާފުވުމާއި ޢާންމު ޝަކުވާތަކާއި ޢާންމު ރައްކާތެރިކަމާއި ޢާންމު ޞިއްޙަތާއި ޓްރެފިކް އަދި ޕާކިން ވައިލޭޝަނާއި ގުދުރަތީ އަދި ތިމާވެށީގެ މައްސަލަތަކެވެ.