މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 29 ޖުލައި 2025


ރައްޔިތުން ކުރަމުންދިޔަ ނާ އުންމީދީ ތަޞައްވުރު ބަދަލުކުރެވިއްޖެ: މޭޔަރ ޢާޒިމް

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު، ރައްޔިތުން ކުރަމުންދިޔަ، ނާ އުންމީދީ ތަޞައްވުރު މިހާރު ބަދަލުކުރެވިއްޖެ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން، މި އަހަރުގެ ދެ ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭ ކޮށީ)ގެ ގޯތި ތެރޭގައި މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާން މާލެ ސިޓީގެ މަސައްކަތާ ޙަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާ ، އަދި ނު ދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށެވެ. އަދި ބަލަމުން އައީ ޝައުޤުވެރިކަމެއް ނެތި، ވައްކަޅިން ކަމަށާއި މާލެ ސިޓީ ކައުންސިލުގެ، މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާ އުންމީދީ ތަޞައްވުރެއް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެ ފަދަ އުފާވެރި ޝުޢޫރުތައް، މިއަދު ރައްޔިތުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ. އެންމެންގެ މަސައްކަތުން، ކުރީގެ ނާއުއްމީދީ ތަޞައްވުރު އެވަނީ އުއްމީދީ ތަޞައްވުރަކަށް ބަދަލު ކުރެވިފައި ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ، މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ އުނދަގޫތަކާ ކަމަށާއި، އެ ގޮތުން މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ޚާއްޞަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން، ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.