މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ވެސް ނުހުއްޓި ކުރަމުން އަންނަ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުން ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގެ ގޯތި ތެރޭގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި މިސްކަތްތަކުގެ ތެރެއިން، މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، މިސްކިތްތަކަށް ދާ މީހުން ހިތްހަމަ ޖެހޭ ފަދަ ތަންތަނަށް، އެ ތަންތަން ހެދުމަށް ފެށި މަސައްކަތް، ހުއްޓުމެއްނެތި މިހާރު ވެސް ކުރިޔަށް ދާކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ ޖުމްލަ 41 މިސްކިތުގެ ތެރެއިން، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 33 މިސްކިތެއްގެ އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރެވިފައިވާކަން ފަހަގަ ކުރެވެއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާފަންނު އާސަހަރާއާއި ހުޅުމާލެ ސަހަރާއަށް، ޖަނާޒާއަށް ދާ ފަރާތްތަކަށް ބޭނުންވާކަންކަން ދެނެގަނެ، އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރެވިފައިވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ މިސްކިތްތަކާއި ޤަބްރުސްތާނު ސާފުކޮށް ރީތިކޮށް ބޭއްވުމަށް، ކޮންމެ ދުވަހަކު ވެސް، މަސައްކަތް ކުރެވޭ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް ޒީނަތްތެރިކޮށް، ޚާއްޞަކޮށް މިސްކިތްތަކުގެ ފާޙާނާތައް ލަގުޒަރީ ފެންވަރަށް ހެދުމަކީ، މޭޔަރ ޢާޒިމް، މޭޔަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ވަރަށް އިސްކަން ދެއްވި، ވަރަށް ޚާޞަ މަސައްކަތެއްކަން ފާހަގަ ކުރެވެއެވެ.
