މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖުލައި 2025


ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތް، މި ކައުންސިލާ އަދިވެސް ޙަވާލުކޮށްފައެއް ނުވެ: މޭޔަރ ޢާޒިމް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށްޓަކައި ހުޅުމާލެ ޑިވޮލަމްމަން ކޯޕަރޭޝަން ( އެޗްޑީސީ )އާ އެކު މަސައްކަތްކޮށް މިހާތަނަށް އެ މައްސަލަ ޙައްލުވެފައި ނުވާކަމަށް މާލެ ސިޓީގެ މޭޔަރ ޢާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ހުންނަންޖެހެނީ ކައުންސިލެއްގެ ބަލަދުވެރިކަމުގެ ދަށުގައިކަމަށާއި އެކަން ޤާނޫނީގޮތުން ސާފުވާން އެބައޮތް ކަމަށެވެ. ނަމަވެސް އެނޫން ގޮތަކަށް ހުޅުމާލޭގެ ކަންކަން އޮތްކަމަށް ގަބޫލުކުރެވޭތީ ، ހުޅުމާލޭގެ ރައްޔިތުންގެ ޙައްޤުގައި އެ ކަމަށް ވަކާލާތުކުރުމުގެ މަސައްކަތް ވެސް ވޭތުވެދިޔަ ހަމަސް ދުވަހު ކުރެވުނު ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށްޓަކައި އެޗްޑީސީ.އާ އެކު މަސައްކަތްކޮށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ޙައްލުވެފައި ނުވާކަން ހިތާމަޔާއެކު ފާހަގަ ކުރާ ކަމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގުމަށް ހުޅުމާލެ ޑިވޮލަމްމަން ކޯޕަރޭޝަނާއެކު މިހާތނަށް ޖުމްލަ 4 ބައްދަލުވުމެއް ބޭއްވިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ހުޅުމާލެއަކީ މާލޭ ސިޓީގެ އަވަށެއް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ، 2023 ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު، އައު ސަރުކާރު ވެރިކަމާ ޙަވާލުވުމަށް ފަހުއެވެ.