މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖުލައި 2025


ގުޅުން ބަދަހިކުރުމަށް ވޭތުވެ ދިޔަ 6 މަސް ދުވަހު ހަރުދަނާ މަސައްކަތްތަކެއް ކުރެވުނު: މޭޔަރ ޢާޒިމް

އެތެރެއާއި ބޭރުގެ ގުޅުން ބަދަހިކޮށް، ފައިދާތަކާއި ތަޖުރިބާ ހިއްސާކުރުމަށް މަސައްކަތްކުރެވުނު ދުވަސްތަކެއްގެ ގޮތުގައި، ވޭތުވެދިޔަ ހަ މަސް ދުވަސް ފާހަގަކުރެވުނު ކަމަށް މޭޔަރ، އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢަޒިމް ވިދާޅުވީ، ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަށް މަޝްވަރާ ތަކެއް ކުރެވިފައިވާކަމަށެވެ. އަދި ދުނިޔޭގެ ސިޓީތަކުގެ ސަމިޓާއި މޭޔަރުންގެ ކޮންފަރެންސާ އަދި މި ނޫނަސް މި ފަދަ ޖަލްސާތަކާއި ބައްދަލުވުންތަކުގައި މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި ވެރިން ބައިވެރިވެފައިވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ރާއްޖޭގެ އެހެން ސިޓީތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއެކު ގުޅުން ބަދަހިކޮށް، ރަށްރަށަށް ޒިޔާރަތްކޮށް، ރަށްރަށުގައި ބޭއްވުނު ބައްދަލުވުމާއި ޖަލްސާތަކުގައި ވެސް ވޭތުވެދިޔަ ހަމަސް ދުވަހު، އެ މަނިކުފާނު ބައިވެރިވެފައިވާނެ ކަމަށެވެ.