މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖުލައި 2025


ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ: މޭޔަރ ޢާޒިމް

މާލެ ސިޓީ ކައުންސިލްގެ ހުރިހައި ޚިދުމަތެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ޢިމާރާތް ކުރަމުންދާ އައު ޢިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އަވަސްކޮށް ފަސޭހަކުރުމަށް، ނިމިގެންދިޔަ ހަ މަސް ދުވަހު ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ ސެކްޝަންތަކުން، ބައެއް ސެކްޝަންތައް، އެއް ޢިމާރާތަކަށް ބަދަލުކުރުންކަމަށެވެ

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ސެކްޝަނެއް އެއް އިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

" އަޅުގަނޑުގެ އުއްމީދަކީ ﷲ ގެ ވާގިފުޅާއެކު މާލެ ސިޓީ ކައުންސިލްގެ ހުރިހައި ސެކްޝަންތަކުގެ މަސައްކަތް 2026 ވަނަ އަހަރު، މި އައު ޢިމާރާތަށް ބަދަލުވުން. " މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ އައު ޢިމާރާތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އަޅަނީ، ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ އޮފީސް ހުންނަ، ތައިސޭ ކޮށީގެ އިރުމަތި ފަރާތުގައެވެ. 24 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީސް ޢިމާރާތް ކުރަނީ 2 ފްލޯއަށެވެ.