މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތައްރިއްޤީކުރަމުން އަންނަ " މާފަންނު މައިޒާނު" ގެ ލޭންޑް ސްކޭޕް މަސައްކަތުގެ ތެރޭގައި ހިމެނޭ، ކޮންކްރިޓް މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެ ގޮތުން ކޮންކްރިޓްގެ މަސައްކަތް އަންނަ މަހުގެ ތެރޭ ނިންމަން މަސައްކަތް ކުރަމުން އަންނައިރު، މި ވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، މައިޒާނުގެ ވޯކްވޭ ހެދުމާއި ފެން ހިންދުމަށް ކާނުތައް ހެދުމާއި، ގަސް މުށިތައް ރޭނުމުގެ މަސައްކަތްތައް ހިމެނެއެވެ.
މާފަނު މައިޒާން ނިމޭއިރު، މަޖީދީމަގު ތޮއްޖެހުން ކުޑަކުރުމަށް ބަސް ސްޓޮޕެއް ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރުމާއި ގްރީން އޭރިއާއެއް ތަރައްޤީ ކުރުމުގެ އިތުރުން ކަސްރަތު ކުރުމަށް ކަނޑައެޅިފައިވާ 496 ފޫޓް ދިގު ޓްރެކެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 36،153 އަކަފޫޓް ހުންނަ މި މައިޒާން ފެހި ކުރުމަށް ގިނަ ޢަދަދެއްގެ ދިވެހި ރުކާއި ހިޔާދޭ ބޮޑެތި ގަސްތަކުގެ އިތުރުން ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާ ގަސްތައް ވެސް ވަނީ މިހާރު އިންދާފައެވެ. މި ގަސްތައް އިންދުމުގައި މާލެ ސިޓީގެ މޭޔަރގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ މޭޔަރގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި މާލެ ސިޓީގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާފަންނު މައިޒާން ތަރައްޤީ ކުރާ ސަރަހައްދަކީ، މާލޭގެ އެންމެ ކާރު ބާރު ބޮޑު އެއް ސަރަހައްދު ކަމަށެވެ. އަދި މި ސަރަހައްދުގެ ހުރި ހަނި ގޯޅިތަކުގެ ސަބަބުން އެމްބިއުލަންސުން ބަލި މީހުން ވައްދައި ނެރުމަށް، އުންދަގޫވާތީ އެ ގޯޅިތަކުގައި ހުރި ސައިކަލްތައް މާފަންނު މާޒާނުގައި ހެދިގެން އަންނަ ސައިކަލް ޒޯނަށް ބަދަލުކުރުމަށް ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް، ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަގްސަދުގައި ކަމަށެވެ. މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.
މާފަންނުގައި މައިޒާން ތަރައްޤީކުރަމުން އަންނަނީ، މާފަންނު ސަހަރާގެ ބިން އެއްކޮށް ސާފުކުރުމަށްފަހުއެވެ.