ފަލަސްތީނުގައި ސުލްޙަ ޤާއިމުވެއްޖެނަމަ އެކަން ވެގެންދާނީ އިންސާނިއްޔަތުކަން ނެގެހެއްޓި، އެ ކަން ދެމެހެއްޓި އަދި ދެމިގެންދާ ސުލްޙައެއްގެ ބިންގަލަކަށް ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ ބައިނަލް އަޤްވަމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ސުލްޙައިގެ ދުވަހާއި ގުޅިގެން އެ މަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މިއަދު، އަޅުގަނޑުމެން މި ގޮވަލަނީ ދުނިޔޭގައި ޚާއްޞަކޮށް ފަލަސްޠީނުގައި ސުލްޙަ ޤާއިމުކުރުމަށް. އެއީ ހުރިހައި އެންމެންގެ ޤަދަރާއި، އިޙުތިރާމާއި މިނިވަންކަމާއި، އިންސާނިއްޔަތުކަން ދެމެހެއްޓޭނެ ޢަދުލުވެރި ސުލްޙައަކަށް އެކަން ވެގެންދާނެތީ"- މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މި އަހަރު ދުނިޔޭގެ ސުލްޙައިގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި އދ އިން ކަނޑައަޅައިފައިވާ ޝިޢާރަކީ "ސުލްޙަވެރި ދުނިޔެއަކަށް މިހާރު ޢަމަލުކުރަމާ".
"ސުލްޙައަކީ ކުރިއެރުމާއި އިންސާފުގެ އަސާސްކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެއްބައިވަންތަކަން އާލާކުރުމަށާއި، ހަނގުރާމައިގެ ވޭނުގައި ތިބި މީހުންނަށް ހިތްހަމަޖައްސައިދިނުމަށް، ސުލްޙައިގެ ޒަރީޢާއިން އަޅުގަނޑުމެން ކުރާ މަސައްކަތް ފާހަގަކޮށްލަން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ބައިނަލް އަޤްވާމީ ޞުލްޙައިގެ ދުވަހަކީ 1981 ގައި އދ އިން ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރަމުން ގެންދަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
2001 ވަނަ އަހަރު، އ.ދ ގެ ޖެނެރަލް އެސްމެބްލީގެ އިއްތިފާޤުން، އެ ދުވަހަކީ ކުށް ނުކުރާ، ޞުލްޙައަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ޞުލްޙައަކީ ހަމައެކަނި ހަތިޔާރު ބެހެއްޓުން ނޫންކަމާއި، ޞުލްޙަ ބިނާވަނީ ފަރުދުންގެ ކުރިމަގުގެ އުޖާލާކަން ކަށަވަރުކޮށްދޭ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. އަދި މީހާގެ ހަސަބާއި ނަސަބަށް ނުބަލައި އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ދެކޭ ފަދަ ދުނިޔެއެއް ބިނާކުރުމަށް މޭޔަރ ގޮވައިލެއްވިއެވެ.
