ޔޫއެން އިން، 2030ގެ ނިޔަލަށް ހާސިލްކުރަން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ތަކަށް، ރާއްޖޭގައި ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު)، މާލެ ސިޓީ ކައުންސިލުން، ފުރަތަމަ ފަހަރަށް ތައްޔާރުކޮށް، ތަޢާރަފްކޮށްފިއެވެ.
މި ވީއެލްއާރު ތަޢާރަފް ކޮށްފައިވަނީ، ދެކުނު ކޮރެއާގައި ބޭއްވި، ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަންމަންޓް އޭޝިއާ ޕެސިފިކް (ޔޫސީއެލްޖީ އޭއެސްޕީއޭސީ) ކޮންގްރެސް 2025 ގައެވެ.
މާލެ ސީޓިގެ ވީއެލްއާރެއް ތައްޔާރުކުރުމުގެ މަސައްކަތަކީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޚާއްސަ އިސްކަމެއް ދެއްވައިގެން، 2024 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
މި ރިވިއުގެ އެކުލަވާލުމުގެ މަސައްކަތްކޮށްފައިވަނީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޒުވާނުންގެ ޖަމިއްޔާތަކާއި އަދި ފަންނީ މާހިރުންގެ ލަފަޔާ އެކުއެވެ.
މި މުހިއްމު މަސައްކަތުގެ ސަބަބުން، މާލެ ސިޓީއަކީ، ހަމައެކަނި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދޭ ތަނަކުން، އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ އިދާރާއަކަށް ބަދަލު ވެގެން ދިޔައެވެ.
މި ގޮތުން، މާލެ ސިޓީއަކީ، ހުރިހައި ފަރާތްތަކަށް ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިޓީއެއް ބިނާކުރުމަށް މަސައްކަތް ކުރެވެމުންދާ ސިޓީއަކަށް ހެދުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށް ވެސް މި މަސައްކަތްވިއެވެ.
އަދި މީގެ އިތުރުން މި ރިވިއު ވެގެންދާނީ، މާލޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް (އެސް.ޑީ.ޖީ) ވާސިލުވުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އެއްޗަކަށެވެ.
ވީއެލްއާރު އެކުލަވާލުމުގެ މަސައްކަތަކީ، އދ. ގެ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)، ރަށު ފެންވަރުގައި ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން، މާލެ ސިޓީން ކުރިއަށްގެންދާ މަސައްކަތެކެވެ.
