ކާބޯތަކެތި އިސްރާފްކުރުމަކީ، ހަމައެކަނި އިޤްތިޞާދީ ގެއްލުމެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ތިމާވެއްޓަށް ގެއްލުންދޭ، ގްރީން ހައުސް ގޭސް އުފެއްދުމަށް މެދުވެރިވާ، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ނެތުން އިތުރު ކުރާ ކަމެއް ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތި ގެއްލުމާއި އިސްރާފުވުމާ ބެހޭ ހޭލުންތެރިކަމުގެ ދުވަސް (އައި.ޑީ.އޭ.އެފް.އެލް.ޑަބްލިޔު) ދުވަހާ ގުޅިގެން، އެ މަނިކުފާނުގެ އަމިއްލަފުޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ކާބޯތަކެތި އިސްރާފުވުމަކީ ހަމައެކަނި އިޤްތިޞާދީ ގެއްލުމެއް ނޫނެވެ؛ އެއީ އަޅުގަނޑުމެންގެ ތިމާވެއްޓަށް ގެއްލުން ދޭ (ދުނިޔޭގެ ގްރީން ހައުސް ގޭސް އުފެއްދުމުގެ 8 ޕަސެންޓާއި 10 ޕަސެންޓަށް ހިއްސާކުރާ) އަދި ކާބޯތަކެތީގެ ރައްކާތެރިކަން ނެތުން އިތުރުކުރާ ކަމެއް" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
އދ ގެ ތަރައްޤީގެ ލަނޑުދަނޑި ތަކުގެތެރެއިން، 2030 ވަނަ އަހަރާ ހަމަޔަށް، ކާބޯތެކަތި އިސްރާފުވާ މިންވަރު ދެބައިކުޅައެއްބަޔަށް މަދުކުރުމަށް ޢަޒުމް ކަނޑައަޅައި، އެ ކަމަށް އެއްބާރުލުން ދިނުމަށް، މޭޔަރ ޢާޒިމް އެދިވަޑައިގެންނެވިއެވެ.
އަދި މި ކަމަށް ޓަކައި ކެއުން ރޭވުމާއި، ވިސްނުންތެރިކަމާއިއެކު ކާބޯތަކެޗަށް ޚަރަދު ކުރުމާއި، ކާބޯތަކެތި ރައްކާތެރިކުރުމުގެ ރަނގަޅު އާދަތައް އަށަގެންނެވުމުގެ އިތުރުން، ސިޓީ ފެންވަރުގައި ކުރެވޭނެ، ދެމެހެއްޓެނިވި މަސައްކަތްތަކަށް އެހީތެރިވުމަށް ވެސް މޭޔަރ ޢާޒިމް އެދިވަޑައިގެންނެވިއެވެ.
ދުނިޔޭގެ ކާބޯތަކެތި ބޭކަރުކާރުވުމާއި، އިސްރާފުވުމާ ބެހޭ ހޭލުންތެރިކަމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި އދ. ގެ ޖެނެރަލް އެސެމްބްލީއިން ކަނޑައާޅާފައިވާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.
މި ދުވަހަކީ ކާބޯތަކެތި ބޭކާރުވުމާއި އިސްރާފުވުމުގެ މައްސަލައިގެ މުހިންމުކަމާއި، އޭގެ ހައްލުތަކާ ބެހޭގޮތުން ހުރިހައި ފެންވަރެއްގައި ހޭލުންތެރިކަން އިތުރުކުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 12.3 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް، ބައިނަލްއަޤްވާމީ ގޮތުން ކުރާ މަސައްކަތެކެވެ.
މި ދުވަހާ ގުޅިގެން، މި އަހަރުގެ ޝިޢާރަކީ، ކާބޯތަކެތީގެ ގެއްލުމާއި އިސްރާފު މަދުކުރުމަށް ޓަކައި، އެ ކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކުގެ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމެވެ. މިއީ ދެމެހެއްޓެނިވި ކާބޯތަކެތީގެ މުސްތަޤުބަލެއް ޔަޤީންކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ކަމެއް ވެސްމެއެވެ.
