މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ޖާގަ މާ ބޮޑަށް ކުޑަވުމުގެ ސަބަބުން، މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 24 މީހުންގެ ހަށިގަނޑު ލެވޭ ވަރުގެ މޯޗަރީއެއް، ހުޅުމާލޭގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދެއްވައިފިއެވެ.
ހުޅުމާލެއަށް، ގަލޮޅު މޯޗަރީ ބަދަލުކުރުމަށް، ކައުންސިލްގެ ރަސްމީ ޢާންމު ޖަލްސާގައި ވެސް ވަނީ ފާސްކޮށްފައެވެ.
މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ކެޕޭސިޓީއަކީ 12 ޖާގައެވެ. އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ވީރާނަވާން ފަށައިފައެވެ.
ހުޅުމާލެ ސަހަރާގެ ދެކުނު ފަރާތުގެ ބޮޑުމަގުން، އެމްބިއުލާންސަށް ވަދެވޭގޮތަށް ތަރައްޤީ ކުރާ މި މޯޗަރީގެ ބޮޑުމިނަނީ 2000 އަކަފޫޓެވެ. އަދި މޯޗަރީ ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުމަށް އަންނަ ހަފްތާ އިޢުލާން ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުން މި އައު މޯޗަރީ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ދެ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނަކާ ވެސް އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފޮރޮޅު ލީ ގޮނޑީގައި ވަދެވޭގޮތަށް ކަމަށެވެ. އަދި މި ޢިމާރާތުގައި، އޮފީހަކާއި، ވެއިޓިން އޭރިއާއެއްގެ އިތުރުން، ފާހާނަ ބަރިއެއް ވެސް ތަރައްޤީ ކުރެވިގެން ދާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މި މޯޗަރީއަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެކެވެ.
