ލޯކަލް ވޮލަންޓަރީ ރިވިއު(ވީއެލްއާރު) ތަޢާރަފުކުރުން ވެގެންދާނީ ދެފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ، ދެމެހެއްޓެނިވި "މާލެ ސިޓީއެއްގެ ފެށުން" ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
"މި ތަޢާރަފުކުރުމަކީ ނިމުމެއް ނޫން. މިއީ ދެފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ، އަދި ދެމެހެއްޓެނިވި މާލެ ސިޓީއެއްގެ ފެށުން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ދެކުނު ކޮރެއާގައި ބޭއްވި ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަންމަންޓް އޭޝިއާ ޕެސިފިކް (ޔޫސީއެލްޖީ އޭއެސްޕީއޭސީ) ކޮންގްރެސް 2025 ގައި ވީއެލްއާރު ތަޢާރަފްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވީއެލްއާރު ހެދުމަށް ޓަކައި ކުރެވުނު މަޝްވަރާ ބައްދަލުވުން ތަކުގެ ތެރެއިން ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އެހެނިހެން މުހިއްމު ޖަމްޢިއްޔާތަކާ އެކު ވަރުގަދަ ގުޅުންތަކެއް ބިނާކުރެވިފައިވާ ކަމަށެވެ. އަދި މި ގުޅުންތަކަކީ ކުރިޔަށް ދާއިރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ އެކުވެރި ޕާޓްނަރޝިޕްތަކެއްގެ ބިންގާ އަޅައިދިން ގުޅުންތަކެއް ކަމުގައި ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވީއެލްއާރުގެ ސަބަބުން މާލެ ސިޓީގެ ކުރިއެރުން ތަފާތު މުހިއްމު ދާއިރާތަކުން ފުންކޮށް އަދި ތެދުވެރިކަމާއެކު ދިރާސާކުރުމުގެ ފުރުޞަތު ލިބުނުކަމަށެވެ. މީގެ ތެރޭގައި ފަޤީރުކަމާއި، ޞިއްޙަތާއި، ތަޢުލީމާއި، ޖިންސުގެ ހަމަހަމަކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، އައު އީޖާދުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން، އަދި ވެރިކަން ހިންގުން ހިމެނޭ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ހުރި ގޮންޖެހުންތައް ދެނެގަނެވި އަދި ބަދަލުގެނައުމަށް ހުރި ފުރުޞަތުތައް ފާހަގަކުރެވިފައިވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނިފައިވަނީ ދެމިގެންދާ ގިނަ ދާއިރާތަކުގެ ފަޤީރުކަމާއި، އިތުރުވަމުންދާ ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތަކާއި، ދަރިވަރުންގެ ދުޅަހެޔޮކަމުގައި ހުރި ގެޕްތަކާއި، އަދި އަންހެނުން އިތުރަށް ބާރުވެރިކުރުވައި، ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރަން ޖެހޭކަން. އަޅުގަނޑުމެންގެ އުމްރާނީ ވަސީލަތްތައް ވަނީ ބަލިވެފަ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުން. އަދި އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރަން ޖެހޭ. މުއައްސަސާތަކަށް އޮންނަ އިތުބާރު އިތުރުކުރުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ކަށަވަރު ކުރަންޖެހޭ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ވީއެލްއާރު އަކީ އަޅުގަނޑުމެންގެ ސިޔާސަތުތައް ޑޭޓާއަށް ބިނާކޮށް، އެކުލެވޭ ގޮތަށް، އަދި ޤައުމީ އަދި ދުނިޔޭގެ އިސްކަންދޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަށަވަރުކުރުމަށް މަގުދައްކައިދޭ އޮނިގަނޑެއްގެ ގޮތުގައި ވެގެންދާނެ ކަމަށާއި، ވީއެލްއާރު ހެދުމަށް ހޯދިފައިވާ ހޯދުންތައް ސްޓްރެޓެޖިކް އެކްޝަން ޕްލޭން (2026-2030) ގައި ހިމަނާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސިޓީ ފެންވަރުގަ އާއި ޤައުމީ މަސައްކަތްތަކާއި ދެމެދު ވިލަރެސްކުރުން ހަރުދަނާކުރުމަށާއި މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ހުށަހެޅުންތަކަށް ޢަމަލީ ސިފަ ގެނައުމަށް ޓަކައި ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް އިސްކަން ދޭނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މި މުހިއްމު މަރުހަލާ ފުރިހަމަ ކުރުމަށް އެހީތެރިވެދެއްވި ކަމަށް ޓަކައި ޔޫއެންއީއެސްސީއޭޕީ، އައިސީއެލްއީއައި އަށް ވަރަށް އިޚްލާސްތެރި ޝުކުރެއް މޭޔަރ ޢާޒިމް ވަނީ އާދަކޮށްފައެވެ. އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްދު އަރީޝް އާއި، މާލެ ސިޓީގެ ކައުންސިލަރުންނަށާއި، މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތެރި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
