ސިވިލް ސާވިސް އިން ޢައްޔަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން އިންތިޚާބު ކޮށްފައިތިބި ބަޔަކަށް ގޮތެއް ނުނިންމޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކައުންސިލަރ އިބްރާހިމް މުޙައްމަދު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 214 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ރިޔާސަތުން ހުށަހެޅުމާ ގުޅިގެންނެވެ.
މާލޭގެ މަސްމާރުކޭޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާ ގުޅޭ ގޮތުން، މާލެ ސިޓީ ކައުންސިލްގެ ލީގަލް ސެކްޝަންގެ ވެރިޔާ، ޢަލީ ނަސީރު ޤާސިމް، ޖަލްސާއަށް ހާޞިރުކޮށް ކަންހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ، މުޙައްމަދު ސައިފް ފާތިހު ހުށަހަޅާފައިވާ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާއިން އުނި ކޮށްދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ކައުންސިލަރ އިބްރާހިމް މުޙައްމަދު ވިދާޅުވީ، މި މައްސަލަ އަކީ ކައުންސިލުން ގޮތެއް ނިންމަން ޖެހޭ މައްސަލަ އެއް ކަމަށް ނުދެކޭ ކަމަށާއި މި މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ ސިވިލް ސާރވިސް އިން ކަމުގައެވެ. އަދި މި މައްސަލަ އަކީ މިވަގުތު ވެސް އޭސީސީން ބަލަމުންދާ މައްސަލައެއް ކަމަށް ކައުންސިލަރ އިބްރާހިމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ކޮން ހައްގެއްތޯ އޮތީ އެ ބޭފުޅާއަށް ގޮތެއް ނިންމުމުގެ. އޯލްރެޑީ މި މައްސަލަ އަކީ އެސީސީގަ އޮތް މައްސަލައެއް. އަޅުގަނޑުމެންނަށް ހިއެއް ނުވޭ ވަކި ގޮތެއް ނިންމޭނެ ހެނެއް އެބޭފުޅާ ގެނެސްގެން މިތާކުއެއް"
މިމައްސަލަ ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)، އަލްފާޟިލް މުހައިމިން ނަސީރު އާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެސް.ޖީ ވިދާޅުވީ، މިމައްސަލަ މިހާރު ވާނީ ސިވިލް ސާރވިސް އަށް ފޮނުވިފައި ކަމަށާއި، ސިވިލް ސާރވިސް އިން މައްސަލަ މިހާރު ބަލަމުން ދާ ކަމަށެވެ. އަދި މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުން ވެސް ވާނީ ފިޔަވަޅު އަޅާފައި ކަމަށާއި އަދި މި މުވައްޒަފު މިވަގުތު ވީ އަހަރީ ޗުއްޓީގައި ކަމަށް ވެސް އެސް.ޖީ، މުހައިމިން ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި މި މައްސަލަ އެޖެންޑާއިން އުނިކުރުމާއި މެދު ކައުންސިލަރުންގެ މެދުގައި ބަހުސް ހޫނު ވެފައިވާ އިރު މޭޔަރ އާދަމް ޢާޒިމް އެޖެންޑާގައިވާ ގޮތަށް އެޖެންޑާ ފާސްކޮށްދިނުމަށް އެދި ކައުންސިލް ތަޅުމަށް ހުށަހަޅާފައިވެއެވެ.
އެހެން ނަމަވެސް އެޖެންޑާ ފާސްކުރުމަށް ތާއިދު ކުރައްވާ ވޯޓު ދެއްވި ޖަލްސާ އަށް ހާޒިރުވި 16 ކައުންސިލަރުންގެ ތެރެއިން އެންމެ 4 ކައުންސިލަރުންނެވެ. ބާކީ 11 ކައުންސިލަރުން ވޯޓު ނުދެއްވުމުން އިއްޔެގެ ޖަލްސާ ވަނީ އެޖެންޑާ ފާސް ނުމުގެ ސަބަބުން ނިންމާލާފައެވެ.
