މާލެ ސިޓި ކައުންސިލް

މާލެ ސިޓި ކައުންސިލް21 އޮކްޓޯބަރ 2025


ފަލަސްތީންގެ އޮނަރަރީ ކޮންސުލް ރާޣިބް މޭޔަރ ޢާޒިމް އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްގޭގައި ހުންނަވާ ފަލަސްތީންގެ އޮނަރަރީ ކޮންސުލް ރާޣިބް ޚަލާފު މާލެ ސިޓިގެ މޭޔަރ އާދަމް ޢާޒިމް އާއި ބައްދަލުކުރައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު އޮތް މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓި ކައުންސިލުން ނަންދެވިފައިވާ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ "ފަލަސްތީނު ހިނގުން "ޒީނާތްތެރިކުރުމުގައި، ފަލަސްތީންގެ ރައްޔިތުން މިނިވަން ކަމަށް ކުރަމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ ކުރެހުންތައް ކުރެހުމުގައި ކައުންސިލްގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މިމަގު ޒީނަތް ތެރި ކުރުމުގެ މަސައްކަތް ތައް ކުރުމަށް ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ޝަގާފަތާ ބެހޭ މިނިސްޓްރީ މެދުވެރި ވެގެން އެޤައުމުގެ ތަޖުރިބާކާރު ކުރެހުންތެރިންނާއެކު އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެޤައުމުގެ މިނިވަންކަމަށް އެމީހުން ކުރަމުންދާ މަސައްކަތްތައް ދިވެހިރާއްޖޭގެ ރައްޔިތުން އަބަދުވެސް ތާއީދު ކުރާ ކަމަށާއި، މިފަދަ ޚަރަކާތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފަލަސްތީނުގެ އޮނަރަރީ ކޮންސުލް ރާޣިބް ވިދާޅުވީ، "ފަލަސްތީނު ހިނގުން" ޒީނާތްތެރިކުރުމަށް މާލެ ސިޓީގެ ކައުންސިލަރުންނާއި ވަކިން ޚާއްސަކޮށް މޭޔަރ ޢާޒިމް ދެއްވާ ފުރިހަމަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނަށް ދެމުންދާ ތާއީދު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަގަށް "ފަލަސްތީނު ހިނގުން" ކިޔުމަށް ކައުންސިލުން ފާކުރީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އޮތް ކައުންސިލްގެ 151 ޖަލްސާގައި ބައިވެރިވެޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ނަން ކައުންސިލަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ.