މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 04 ނޮވެމްބަރ 2025


ސަލްޓަންޕާކު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް މޭޔަރ ޢާޒިމް ބައްލަވައިލައްވައިފި

މާލޭގެ ހިތްފަސޭހަ ތަންތަނުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ސަލްޓަންޕާކު މަރާމާތުކޮށް، އަލުން ހުޅުވުމަށް ކުރިއަށްގެންދާ މަސައްކަތްތައް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ބައްލަވާލައްވައިފިއެވެ.

މި މަސައްކަތް ބައްލަވާލެއްވުމަށް ފަހު، މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ދާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް، މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.

ސަލްޓަންޕާކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ މުހިންމު ތަނެކެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ސަލްޓަންޕާކު މަރާމާތުކޮށް، އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތް ހަލުއިކަމާއެކު ކުރިޔަށް ދާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި އުންމީދަކީ، މި މަސައްކަތް ނުހުއްޓި، މިދާ ބާރުމިނުގައި ކުރިޔަށް ގޮސް، ވީހައި އަވަހަށް ސަލްޓަންޕާކު، ޢާއްމުންނަށް ހުޅުވިގެން ދިއުން ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. މިއީ، ދިގު އިންތިޒާރަކަށް ފަހު މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ އުފަލެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ، ސަލްޓަންޕާކުގެ މަސައްކަތް ކުރަމުންދާ، ހުރިހައި ކުންފުނިތަކުގެ މެނޭޖުމަންޓަށާއި، މުއައްޒަފުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފައެވެ.

ސަލްޓާން ޕާކުގެ މަސައްކަތް އަވަހަށް ނިންމައި، ޢާންމުންނަށް ހުޅުވައިލުމަށް، އެ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ މުހިއްމުކަން، މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. މޭޔަރ ޢާޒިމް ސަލްޓަންޕާކު މަރާތުކުރުމުގެ މަސައްކަތް ބައްލަވާލެއްވުމުގެ ބޭނުމަކީ، މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހިތްވަރުދެއްވުމެވެ.