ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް

މާލޭ ސިޓީ ކައުންސިލް އިދާރާ04 މާޗް 2022


ކައުންސިލްތަކަށް ލިބެންއޮތް އާމްދަނީއަށް ހުރަސް އެޅުމަކީ ލަދުވެތި ކަމެއް: ޑެޕިއުޓީ މޭޔަރު

ކައުންސިލްތަކަށް ލިބެންއޮތް އާމްދަނީއަށް ހުރަސް އެޅުމަކީ ލަދުވެތި ކަމެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމަށް ސަރުކާރުން ކުރިމަތިކުރުވާ ދަތިތަކަށް އިޝާރާތްކުރައްވަމުން ނަރީޝް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލް އުފައްދުމަށް ބާރު ލިބޭ ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދަ އިކޮނޮމިކް މިނިސްޓްރީ އިން ލިބިފައިނުވާތީ ނަރީޝް ވަނީ އެކަމަށް ހުރަސް އަޅުއްވަނީ މިނިސްޓަރު ފައްޔާޒް ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެއާއި އެކު ނަރީޝް ވިދާޅުވީ ކައުންސިލްތަކަށް ލިބެން އޮތް އާމްދަނީ އަށް ހުރަސްއަޅަމުން ދިއުމަކީ ލަތުވެތި ކަމެއްކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ 35 ވަނަ ޖަލްސާގައި ޑެޕިއުޓީ މޭޔަރު ވަނީ މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުވާނެ ގޮތެއް ހަމަޖައްސައި ދޭނަމޭސަރުކާރުން ބުނި ނަމަވެސް އެކަން ކޮށްދޭތަން ނުފެންނަކަމަށް ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމުގެ ހުައްދަ ދިނުން ލަސްވުމާއި ގުޅިގެން، މީގެ ކުރިން މޭޔަރު މުޢިއްޒުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކައުންސިލްގެ ކުންފުނި އުފެއްދުމަށްއެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިފަހުން 4 މަސް ވެފައިވާކަން ފާހަގަ ކުރައްވަމުން މޭޔަރު މުޢިއްޒު މީގެ ކުރިން ވިދާޅުވީ މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އުފައްދަން ސަރުކާރުން ހުއްދަ ދެއްވައިފިނަމަ ހައުސިންގް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއާއިއެކު މޭޔަރު ވަނީ ކައުންސިލްގެ އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދިނުމަކީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭއިޙްތިރާމެއް ކަމަށްވެސް ވިދާޅުވެފައެވެ.