މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 199 މަގެއްގެ، 29718 އަށް ވުރެ ގިނަ ކާނު ސާފުކޮށްފި އެވެ.
ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 199 މަގުން މި މުއްދަތުގެ ތެރޭގައި 2145 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނެގިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން 8 މަގެއްގެ ކާނު އަދި ވަނީ މުޅިން ސާފު ވާގޮތް ނުވެފައެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އަބަދު ވެސް އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކާނު ސާފު ނުކުރެވި ހުރި މަގުތަކާއި ގޯޅިތަކުގެ އަދަދަކީ 44 ކަމަށާއި ވިއްސާރަނުވެ މޫސުމް ތަންދޭނަމަ މާލެއިން ކާނު ސާފުކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީހަކީ އަންނަ ޑިސެންބަރ މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިތައް ކުރިމަތިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެރުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރެއެވެ.
މޭޔަރ އާޒިމްގެ އަމާޒަކީ މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.
