މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް16 ނޮވެމްބަރ 2025


"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމެޓީން ހުޅުވާލައިފިއެވެ.

މިއީ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން މާލެ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށް، މާލެ ސިޓީގެ ދާއިރާތަކުގައި ތިއްބެވި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެނުންނަށް ޚާއްސަކޮށް ދޭ އެވޯޑެކެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ކައުންސިލްގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ޢާންމު އިޢުލާންގައި މި އެވޯޑަށް ކުރިމަތި ލުމަށް އެދި ހުށަހަޅާ ފޯމާއި، އެވޯޑާ ބެހޭ ޤަވައިދު ކަރުދާހުގެ ލިންކެއް ވަނީ ޢާންމުކޮށްފައެވެ. އަދި މިތަކެތި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރާ (އެމް ޑަބްލިޔު އެސްސީ 4 ވަނަ ފަންގިފިލާ) އިން ވެސް ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ އިދާރާއިން ފޯމު ދޫކުރާނެ ކަމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.

މިގޮތުން، ފޯމު ބަލައިގަތުމާއި، ފޯމު ދޫކުރުމާއި، ފޯމް ބަލައިގަތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށް ކުރިޔަށްދާނެ ކަމަށްވެސް އެ އިޢުލާންގައި ބުނެފައިވެއެވެ.

މި އެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ 25 ނޮވެމްބަރ 2025 އަންގާރަ ދުވަހުގެ 13:30 އެވެ.

މި އެވޯޑަކީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެކެވެ.