މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއިއެކު ބަސް ސްޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން..

މާލެ ސިޓީ ކައުންސިލް16 ނޮވެމްބަރ 2025


މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއިއެކު ބަސް ސްޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއި އެކު، ބަސް ސޮޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމަށް، މާލެ ސީޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާލެ ސީޓީ ހޯލްގައި މިއަދު ކުރިޔަށް ގެންދިޔަ މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ، މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުޙައިމިން ނަސީރެވެ. އަދި އެމް.އައި.ބީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ޒުލާލް ޒައީމެވެ.

މި އަދު ރަސްމީކޮށް ސޮއިކުރެވުނު މި އެއްބަސްވުމަކީ، ފާހަގަކުރެވޭ މިންވަރަށް، މާލޭގެ ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް، ތަރައްޤީކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރައްދެއްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އެ ގޮތުން މާލޭގެ މީހުން ގިނައިން އެއްވެ އުޅޭ މުހިއްމު ހަތަރު ސަރަހެއްދެއް ކަމަށްވާ މަޖީދީމަގު، މާފަންނު މައިޒާނާއި، އަމީނީމަގުގައި ހުންނަ ސިނަމާލެ 3އާއި، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދުގައި، މި ޢިމާރާތްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޢާންމު ބޭނުންތަކަށް ތަރައްޤީ ކުރެވޭ ވަސީލަތައް ޤާއިމްކުރުމުގެ މި މަޝްރޫޢުގެ ޖުމުލަ ޚަރަދު، އެމް.އައި.ބީ އިން، ކުރުމަށް އެއްބަސްވެފައިވާއިރު، މި އިންތިޒާމް ބައްޓަންކުރެވިފައިވަނީ 10 (ދިހައެއް) އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ. އެ ގޮތުން ބަސް ސްޓޮޕް ޢިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، ޢިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ އަކީ އެމް.އައި.ބީ ގެ ޒިންމާއެއް ކަމުގައި މި އެއްބަސްވުމުގައިވެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، ޢިމާރާތްކުރެވިފައިވާ ޢިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އަދި އެ ތަން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

މި އިމާރާތްތައް ތަރައްޤީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަޙައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެގޮތަކަށް ތަން ފަރުމާކުރުމަށެވެ. މިއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާސިލުވެވޭ ބަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒަރީޢާއިން އާންމު މަޞްލަޙަތަށް އިސްކަންދީގެން ޚިދުމަތްކުރުމުގެ މަޤްޞަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށް ފާހަގަކޮށްފައިވެއެވެ.