މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް20 ނޮވެމްބަރ 2025


ކައުންސިލްގެ އޮޑިޓް ރިޕޯޓް ހާމަކުރުން ލަސްވަމުންދާތި މޭޔަރ ޢާޒިމް އޮޑިޓް އޮފީހަށް ވަޑައިގަންނަވައިފި

މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓް ހާމަކުރުން ލަސްވަމުންދާތީ އާއި، މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ފޮނުވާފައިވާ ސީޓީތަކަށް ޖަވާބެއް ނުލިބޭތީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އޮޑިޓް އޮފީހަށް ވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 10:30ގައި މޭޔަރ އާދަމް ޢާޒިމް އޮޑިޓް އޮފީހަށް ވަޑައިގެން، އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، އެބޭފުޅާ އޮފީހަށް ވަޑައިނުގަންނަތީ އެކަން ކާމިޔާބު ވާ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް، އޮޑިޓް އޮފީހުގެ އިދާރީ މުއައްޒަފުންނާ މިކަމާ ގުޅިގެން މޭޔަރ ޢާޒިމް ވަނީ އެމަނިކުފާނުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

އޮޑިޓް އޮފީހުން ނުކުމެ ވަޑައިގެން މޭޔަރ ޢާޒިމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ދިހަ އަހަރު ވެފައިވާ ކަމަށާއި، މޭޔަރ ކަމާއި ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އެއީ ކަމަށާއި، އެގޮތުން އޮޑިޓަށް ބޭނުންވާ ހުރިހާ މަޢޫލޫމާތާއި، ލިޔެކިޔުން އޮޑީޓް އޮފީހާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"ދައުލަތުގެ މުއައްސަސާތައް އޮޑިޓް ކުރުމަކީ އޮޑިޓަރ ޖެނެރަލްގެ ޒިންމާއެއް. އެހެންވިމާ ދިހަ އަހަރު ވީއިރު އެ ޒިންމާ އަދާ ނުކޮށް އޮތީ ކީއްވެގެންތޯ އަހަން އަޅުގަނޑު މިއައީ. އަޅުގަނޑުމެން ހުރިހާ އެއްބާރުލުމެއްދީ، ހުރިހާ ޑޮކިއުމެންޓް ތަކެއް ދިނީމަ، މި ލަސްވާ، ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ތަނެއް ކަމަށާއި، މާލެ ސީޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި އޮޑިޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އޮޑިޓްގެ މަސައްކަތް ނިންމަވައި ތަނުގެ ހާލަތު އަންގަވައި ދެއްވުމަށް މޭޔަރ ވަނީ އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެދޭކަމަށް ވިދާޅުވއެވެ.

"މިއަދާ ހަމަޔަށް ވެސް އެއްވެސް ވަރަކަށް އޮޑިޓް ކުރިޔަށްދާ ގޮތެއް އަޅުގަނޑުމެންނަށް އެނގިފައި ނެތީމަ އެކަން އަވަސް ކުރުމަށް އެދި އަޅުގަނޑު މިއައީ. އެހެންވީމަ، އަޅުގަނޑު އެދެން އޮޑިޓަރ ޖެނެރަލް އަރިހުން ވިހާވެސް އަވަހަކަށް މާލެ ސިޓީ ކައުންސިލް އޮޑިޓް ކުރައްވާ އެމަނިކުފާނުގެ ޒިންމާ ރަނގަޅަށް އަދާކޮށްދެއްވާށޭ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ އެމަނިކުފާނު ތަނަކާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާ މަސައްކަތްތަކީ، އެތަނެއް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށާއި، ފޮރުކޮށްދޭން ޖެހޭ މަޢޫލޫމާތެއް އޮވެއްޖެނަމަ އެކަމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިކަމުގައި އޮޑިޖަރ ޖެނެރަލް އެއްބާރުލުން ދެއްވުމަށް މޭޔަރ ޢާޒިމް ވަނީ އެދިލައްވާފައެވެ.