މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 27 ނޮވެމްބަރ 2025


މާލޭގެ ހަނި ގޯޅިތަކަށް ''އަލިމަގެއް'': 50 ގޯޅި މަރާމާތު ކޮށްފި

މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނިމި ދިޔަ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި ހިނގާ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް، ޖުމްލަ 50 ގޯޅި މަރާމާތުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، 2024 ވަނަ އަހަރު މާލޭގެ ހަނި، 31 ގޯޅި މަރާމާތުކޮށްފައިވާއިރު، މި ހިނގާ 2025 ވަނަ އަހަރުގެ މިހާތަނަށް ވަނީ ހަނި 19 ގޯޅި މަރާމާތުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، ގޯޅިތަކުގެ އަސާސީ ކަންކަން ރަނގަޅުކޮށް، ފެން ހިންދާ ނިޒާމާއި މަގުމަތީގެ ބައްތިތައް ހަރުކުރުން ފަދަ ކަންކަން ކުރުން ވެސް ހިމެނެއެވެ.

ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަ ކޮށްދެއްވުމަށް، އެ ގޯޅިތައް ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މި މަސައްކަތް ފާހަގަ ކުރައްވަމުން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލްގެ އަމާޒަކީ، މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް، ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާޞިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، އަވަދިނެތި މަސައްކަތް ކުރަމުނދާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ މި މަސައްކަތަކީ މާލެ ސިޓީގައި ހިތްގައިމު މާހައުލެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން، މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.