މާލެ ސިޓީ ކައުންސިލްގެ 1447 ވަނަ އަހަރުގެ ޤުރުއާން ، މަދަހަ މުބާރާތް ފަށައިފި އެވެ.
މި މުބާރާތަކީ މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަރާކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކުރިޔަށް ގެންދާ މުބާރާތެކެވެ.
އާދިއްތަ ދުވަހު ރަސްމީ ގޮތުން މި މުބާރާތް ފައްޓަވައި ދެއްވައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްކެވި ވާހަކަފުޅުގައި، ކީރިތި ޤުރުއާން އުނގެނި، އުނގަންނައި ދިނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބަދަލުނުވެ އޮތް ސަޤާފަތެއް ކަމަށާއި، މިފަދަ މުބާރާތްތަކަށް ބެލެނިވެރިންނާއި، ދަރިވަރުން ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތައް ދަރިވަރުން ތައްޔާރުކުރެއްވުމަށް ބައެއް ބެލެނިވެރިން ވަރަށް ބޮޑު ހޭދައެއް ކުރައްވާކަން ވެސް މޭޔަރ ޢާޒިމް ވަނީ ފާހަގަކޮށްފައެވެ.
"ދަރިވަރުންނާއި، ބެލެނިވެރިން މި މުބާރާތައް ދޭ ސަމާލުކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އަދި މިއީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް. އަޅުގަނޑު މޭޔަރު ކަމާއި ހަވާލުވި ފަހުން ބޭއްވުނު އެންމެ ފުރަތަމަ މުބާރަތް، މާލެ ސިޓީ ކައުންސިލްގެ 3 ވަނަ މުބާރާތުގައި ބައިވެރީ 770 ދަރިވަރުން. އެހެންނަމަވެސް، މިއަދު މުބަރާތުގައި 3145 ދަރިވަރުން ބައިވެރިވާ ކަން އުފަލާއެކު ފާހަގަ ކުރަން. މިއީ ނިސްބަތުން ބޮޑު އަދަދެއް" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މި މުބާރާތަށް ބެލެނިވެރިންނާއި ދަރިވަރުން ދޭ ސަމާލުކަމާއި، ޝައުޤުވެރިކަމުގެ ސަބަބުން މުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ދޭ ފައިސާގެ އިނާމަށް ވެސް މިހާރު ވާނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި ކަމަށާއި، މުބާރަތުގެ ވަނަ ހޮވުމުގައި އިތުރަށް 4 ވަނަ އަދި 5 ވަނަ ވެސް ހޮވާ ގޮތަށް މި އަހަރުގެ މި މުބާރާތް އިންތިޒާމް ކޮށްފައިވާ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަގަފުޅުގައި ފާހަގަކުރެއްވިއެވެ.
މި މުބަރާތް ކުރިޔަށް ގެންދިއުމަށްޓަކައި ސަލްމާން މިސްކިތް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވި ކަމަށް ޓަކައި މިނިސްޓަރ އޮފް އިސްލާމިން އެފެއާރޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢިދަށް، މޭޔަރ ޢާޒިމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، މި މުބާރާތް ކުރިޔަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތާއި ބެހޭގޮތުން މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ރޭވިފައިވާ އިންތިޒާމް ތަކާއި އެއްގޮތަށް މުބާރަތް ކުރިޔަށް ގެންދިއުމަށް ބެލެނިވެރިންނާއި ދަރިވަރުންގެ އެއްބާރުލުމުގެ މުހިއްމު ކަން ފާހަގަ ކުރެއްވިއެވެ. އަދި ދެވިފައިވާ ގަޑިތަކަށް ސަމާލުކަން ދެއްވުމަށާއި، މާލެ ސިޓީ ކައުންސިލުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މި މުބާރަތް ކާމިޔާބު ކަމާއި އެކު ގެންދިޔުމަށް ޓަކައި މުބާރާތުގެ ފަނޑިޔާރު ކަން ކޮށްދެއްވާ ބޭފުޅުންނަށާއި، މުބާރާތަށް އިނާމްތައް ސްޕޮންސަރ ކޮށްދެއްވާފައިވާ ފަރާތްތަކުގެ އިތުރުން މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ހުރިހާ ފަރާތްތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
