މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 11 ޑިސެމްބަރ 2025


މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން: މޭޔަރ އާދަމް ޢާޒިމް

މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން މާލޭ މަސްމާރުކޭޓުގައި މަސްވެރިންގެ ފަރާތުން ބޭއްވި ގުޅުން ބަދަހި ކުރުމުގެ ކެއުމުގައި ބައިވެރިވެ ވަޑައިގެންނެ އެމަނިކުފާނުގެ އަމިއްލަ ފުޅު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި އެމަނިކުފާން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިން ބޭއްވި ކެއުމުގައި ބައިވެރިވެ ގިނަ އަދަދެއްގެ މަސްވެރިންނާއި އެއް ތަނަކުން ބައްދަލުވެ ވާހަކަދެކެވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިން ބޭއްވި އެކުވެރިކަމުގެ ކެއުމުގައި ބައިވެރިވެ ގިނަ އަދަދެއްގެ މަސްވެރިންނާއި އެއް ތަނަކުން ބައްދަލުވެ ވާހަކަދެކެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

މަސްވެރިންގެ މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން މޭޔަރ ޢާޒިމް ވަނީ މަސްވެރިންނާއި، މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ހުރިހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

"މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ހީވާގި، މުރާލި، ޚިދުމަތްތެރި، ލޮބުވެތި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ހުރިހައި ފަރާތްތަކަށް އަރިސްކުރަން" މެޔަރ ޢާޒިމް ވިދާޅުވިއެވެ.

މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ވަންދެން، ދިވެހި އިޤުތިޞާދު އެ މަސައްކަތަށް ހަމައެކަނި ބިނާވެފައިވާ އެންމެ ގަދީމީ މަސައްކަތް ކަމަށާއި، 99 ޕަސެންޓް ކަނޑުގެ ގޮތުގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި މިއަދު ވެސް އެންމެ ފުޅާކުރެވެން އޮތް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތް ކަމުގައި މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި މަސްވެރިންގެ މަސައްކަތުގައި ބަރަކާތް ލައްވައި، މަސްވެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދޭކަމަށް ވެސް މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ އާދަމް ޢާޒިމް ވަނީ މާލޭގެ ދެކުނު ފަރާތުގައި ކުރިއަށްދާ ބޮޑުކަންނެލީގެ މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ދިވެހި ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ރ. ދުވާފަރުގައެވެ.