މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 16 ޑިސެމްބަރ 2025


ގަލޮޅު ސިޓީ ޕާކާއެކު، ގަލޮޅުގެ ރައްޔިތުންނަށް އާރޯކަމާއެކު އުފާވެރިކަން!

ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ ގަލޮޅު ސިޓީ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މާލެއަކީ އަމާން، ހިތްފަސޭހަ، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅާލައި، ހިތްހެޔޮ، އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއްގެ ގޮތުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ތަނެއް ކަމަށެވެ.

ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ހާމަކުރައްވާފައެވެ.

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޡިމް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްޤީ ކުރުމުގެ ސަބަބުން، އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން, މި ޕާކު ވެގެންދާނެ ކަމަށެވެ.

ރީން ވިދާޅުވީ ގަލޮޅު ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރެވިފައިވާނެ ކަމަށާއި މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ވަނީ ތަރައްޤީކުރެވިފައި ކަމަށް ރީން ވިދާޅުވިއެވެ.

މި ޕާކުގައި މިހާރު ކުރަމުން އަންނަނީ ކުލަލުމުގެ މަސައްކަތާއި ވޯކްވޭތަކުގައި އީ.ޕީ.ޑީ.އެމް ފްލޯރިންގ އެޅުމުގެ މަސައްކަތެވެ.