މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 21 ޑިސެމްބަރ 2025


ވިލިމާލޭގައި ސްކޭޓް ޕާކަކާއި ހިތްފަސޭހަ މައިޒާނެއް ތަރައްޤީކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލޭގައި ސްކޭޓް ޕާކަކާއި ހިތްފަސޭހަ މައިޒާނެއް ހަދައި ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚިދުމަތް ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން ތަރައްޤީ ކުރުމަށް ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިން ނަޞީރު އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް ޕްރޮޖެކްޓްސް އެންޑް އެސެޓްސް މުޙައްމަދު އިޙްސާން ވަހީދުއެވެ.

ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން، ވިލިމާލޭގައި ތަރައްޤީ ކުރަން ކައުންސިލުން ނިންމާފައިވަނީ، ވިލިމާލެ ފެރީޓަރމިނަލް ސަރަހައްދުގައި އޮތް އައުޓްޑޯ ޖިމް އަދި ޕާކް ހިމެނޭ ބިމުގައިއެވެ.

މި ދެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ސްކޭޓް ޕާކާއެކު މި ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ވިލިމާލޭގެ ޒުވާނުންނާއި ތުއްތު ކުދިނަށް ފަހި ފުރުޝަތުތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ހިތް ފަސޭހަ މައިޒާނަކާއެކު ، ވިލިމާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ ވިލިމާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް އެމީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަގްސަދުގައި ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ސްކޭޓްޕާކާއި ހިތްފަސޭހަ މައިޒާން ތަރައްޤީ ކުރުމަށް ކައުންސިލުން ފާސްކޮށފައި ވަނީ 22 އޮކްޓޯބަރ 2025 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 217 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.