ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަކަމުގެ ޗޭނަކުން ގުޅިފައިވާ ބައެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކުގެ ރީތި މިސާލުތަކަށް ނިސްބަތްކޮށް، ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެއްބައިވަންތަކަމުގެ ދުވަހަކީ ގިނަ ހަނދާންތަކެއް އާކޮށްދޭ އަދި ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ ދުވަހެއް ކަމަށް ސިފަ ކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިންނަކީ ހުރިހައި ޙާލަތެއްގައި ވެސް އެކަކު އަނެކަކަށް ޓަކައި ތިބޭ ބައެއްކަން މި ދުވަހުން އެނގިގެން ދިޔަ ކަމަށެވެ. އަދި އެކެއްގެ އިޙުސާސްތަކާއި އުދާސްތައް އަނެކަކަށް އެނގޭކަން ހާމަވެގެން ދިޔަ ކަމަށާއި އެއްބައިވަންތަކަމުގެ ޗޭކަނުން އަބަދު ވެސް ދިވެހިން ގުޅިފައިވާކަމަށް މޭޔަރ ވަނީ ސިފަ ކުރައްވާފައެވެ.
"މި ދުވަހުން އަންގައިދިނީ، ދިވެހިންނަކީ ހުރިހައި ޙާލަތެއްގައި ވެސް އެކަކު އަނެކަކަށް ޓަކައި ތިބޭ ބައެއްކަން. އެކެއްގެ އިޙުސާސްތަކާއި އުދާސްތައް އަނެކަކަށް އެނގޭކަން. އެއްބައިވަންތަކަމުގެ ޗޭކަނުން އަބަދު ވެސް ދިވެހިން ގުޅިފައިވާކަން. ހުރިހައި ވަގުތެއްގައި، ހުރިހައި ޙާލަތެއްގައި ދިވެހިންގެ ކިބައިގައި މި ސިފައަށަގަންނަވާށި" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
2004 ޑިސެމްބަރ ގެ ސުނާމީއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގެ ނުވަ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް އަސަރުކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، މި ކާރިސާގައި އެތައް ބެއެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.
އެ ދުވަހު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައާއި، މި ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫހު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
