ސްކޫލް ބަންދާ ދިމާކޮށް މާލެއިން ބޭރަށް ނުވަތަ ރަށުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން، ތިމާ ދިރިއުޅޭ ގޭބިސީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކޮށްފިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯއާއި ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި ދުވާލަކު އެއްފަހަރު ނަމަވެސް ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމަށެވެ.
"ގޭގައި އަލިކަން ބެހެއްޓުމުގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރުން މުހިންމު" މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފައެވެ.
މިގޮތުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
*ދޮރުތައް ތަޅުލުން: ގެއިން ބޭރަށްދާއިރު ހުރިހާ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ތަޅުލެވިފައިވޭތޯ ޗެކްކުރުން.
*ކަރަންޓު ސާމާނު: ބޭނުންނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލުމާއި، ސްވިޗްތައް އޮފްކުރުން.
*މީހަކާ ހަވާލުކުރުން: ގޭގެ ކަންތައްތައް ބަލައިދިނުމަށް އިތުބާރުހުރި އަވަށްޓެރިއެއް ނުވަތަ ތިމާގެ މީހަކަށް ދަންނަވާލުން.
މިއީ ވައްކަމާއި އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. އެންމެހާ ފަރާތްތަކަށް އަމާން އަދި އުފާވެރި ޗުއްޓީއަކަށް އެދެމެވެ
