ދިވެހި ޤައުމަކީ، ޤައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން އެ ޙާލަތާ އެންމެ އެކަށޭނެ ޚިދުމަތެއް ކޮށްދޭނެ ފަހުލަވާނުންނާއި، އަބުޠާލުން، އުފަންވާ ޤައުމެއްކަމަށް މޭޔަރ އާދަމް ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި، ދުވަހާ ގުޅިގެން ތަހްނިޔާ ދަންނަވައި ކުރެއްވި މި ޕޯސްޓުގައި ވިދާޅުވީ، ޝަހީދުންގެ ދުވަހުން ހަނދާން އާ ކޮށްދެނީ ދިވެހި ޤައުމަކީ، ޤައުމަށް ދިމާވާ، މި ފަދަ ނުރައްކާތެރި ކޮންމެ ޙާދިސާއަކާ ގުޅިގެން، އެ ޙާލަތާ އެންމެ އެކަށޭނެ ޚިދުމަތެއް ކޮށްދޭނެ ފަހުލަވާނުންނާއި، އަބުޠާލުން، އުފަންވާ ޤައުމެއްކަމަށާއި، އެމަނިކުފާނުގެ ދުޢާ އަކީ ކުރިޔަށް އޮތްތާނގައި ވެސް، ޤައުމަށް ދިމާވާ މި ފަދަ ޚުތޫރަތްތެރި ކޮންމެ ދަނޑި ވަޅެއްގައި، ޤައުމަށް ޓަކައި ޚިދުމަތްކުރާނެ، ޖިހާދު ކުރާނެ، އަދި ޤުރުބާންވާން ކެރޭ ދަރިން އުފަންވުން ކަމުގައެވެ.
ޝަހީދުންގެ ދުވަހާ ގުޅީގެން މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ ޅެމެއް މި ޕޯސްޓުގައި ހިމަނުއްވައި ދިވެހި ލޮބުވެތި ހުރިހައި ރައްޔިތުނަށް، އަދި ޚާއްޞަކޮށް މާލެ ސިޓީގެ ލޮބުވެތި ހުރިހައި ރަށްވެހިންނަށް އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ޝަހީދުންގެ ދުވަހަކީ ދިވެހިރާއްޖެއާއި ދިވެހީންނާއި، ދިވެހީންގެ ދީނާއި، މިނިވަންކަމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، އައްސުލްޠާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން، ޢަލީ ރަސްގެފާނު ޝަހީދުވި ދުވަހަށް ނިސްބަތް ކޮށް ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ޢަލީ ރަސްގެފާނަށް ޚާއްސަ ކުރެވުނު ނަމަވެސް މި ދުވަހަކީ، ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރުމުގައި ޝަހީދުވެވަޑައިގެންނެވި އެތައް ބަޠަލުންނެއްގެ ޛިކުރާ އާކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.
ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ. ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ މީލާދީން 14 ޖޫން 1980 ގައެވެ.
