ޔޫއެން އިން 2030ގެ ނިޔަލަށް ހާސިލްކުރަން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިތަކަށް ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވީއެލްއާރްގެ މަސައްކަތް ނިންމާ، މާލެ ސިޓީ ކައުންސިލުން މިއަދު ރަސްމީކޮށް އިފްތިތާޚް ކޮށްފިއެވެ.
މިއަދު މީރުމާގައި މިކަމަށް ޓަކައި ބޭއްވި ހަފްލާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ، ހައޯ ޒަންގ ގެ އިތުރުން މިސަރަހައްދުގެ ބައެއް ގައުމު ތަކުން ރައްޖެއަށް ކަނޑައަޅައިފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ޗަޕާން، އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ސަފީރުން ހިމެނިވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހި ގައުމީ ޔުނިވާރސިޓީގެ، ޕޮލިސީ ރިސާރޗް ޕޮލިޓިކަލް ސައިންސް ކޯޑިނޭޓަރ އަދި ލެކްޗަރަރ، މުޙައްމަދު ހޫދްގެ އިތުރުން އެންވަޔަރޮމެންޓް އެންޑް ކްލައިމެޓް ރެސިލިއެންސް އެޑްވޮކޭޓް މައީދު މުހައްމަދު ޒާހިރު ގެ އިތުރުން މާލެ ސިޓީގެ ކައުންސިލަރުންނާއި ސަރުކަރުގެ އިދާރާތަކުގެ ބައެއް ވެރިންނާއި އަދި މަދަނީ ބައެއް ޖަމްޢިއްޔާތަކުގެ އިސް ވެރިން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި މޭޔަރ އާދަމް ޢާޒިމް ވީއެލްއާރު އިފްތިތާހް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިއީ މި ސަރަހައްދުގެ ޤައުމު ތަކުގެ އެތައް ސިޓީއެއްގެ ތެރެއިންވެސް ތިންވަނަ އަށް ހެދިފައިވާ ރިވިއުކަން ފާހަގަކޮށް މިއީ މާލެ ސިޓީ އަށާއި ދިވެހި ރާއްޖެއަށް އަށް ލިބުނު ވަރަށް ފަޚުރުވެރި ކާމިޔާބީއެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މި ރިވިއު ތައްޔާރުކުރުމުގެ މަސައްކަތް މިހާ ފުރިހަމަ ކަމާއިއެކު ކުރިޔަށް ގެންގޮސް މިކަން ކާމިޔާބު ވެގެން ދިއުމަކީ މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ހުރި ޝައުގުވެރިކަން ހަމާވެގެންދާ ކަމެއް ކަމަށް ވެސް މޭޔަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވީ.އެލް.އާރް 2025 އަކީ، ސީދާ ރައްޔިތުންނާ ގުޅުންހުރި ކަންކަމާއި އެކި ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މުހިއްމު މަސައްކަތްތެކެވެ. މިގޮތުން މާލެ ސިޓީގެ ބޯހިޔާވަހިކަން ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުން ތަކުން ރައްކާތެރިވާނެ ގޮތްތަކާއި، އެކަން ކަމަށް އެދެވޭ ހައްލު ހޯދުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ، ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނެ މުހިއްމު މަސައްކަތެއް ވެސް މެއެވެ.
މި ރިވިއު ވެގެންދާނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް މާލެ ސިޓީން ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް، އެކަންކަމާ ގުޅޭ ރިޕޯޓު އެކުލަވައިލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމުގައެވެ.
މާލެ ސީޓިގެ ވީއެލްއާރެއް ތައްޔާރުކުރުމުގެ މަސައްކަތަކީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޚާއްސަ އިސްކަމެއް ދެއްވައިގެން، 2024 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
ވީއެލްއާރު އެކުލަވާލުމުގެ މަސައްކަތަކީ، އދ. ގެ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)، ރަށު ފެންވަރުގައި ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން، މާލެ ސިޓީން ކުރިއަށްގެންދާ މަސައްކަތެކެވެ.
