މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 07 ފެބްރުއަރީ 2026


ދެމެހެއްއޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކާ އެއްކީލި ކުރުމަށްޓަކައި، UNESCAP ގެ އެހީގައި ވޮލަންޓަރީ ލޯކަލް ރިވިއު އެއް ކުރިއަށްގެންދެވިފައިވާ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެ

މާލެސިޓީގެ ތަރައްޤީއަށް މަސައްކަތްކުރަމުން މިދާދިއުމުގައި ، ނަތީޖާ ޙާސިލްކުރަން ބޭނުންނަމަ ، ކުރިއަށް ރާވާރޭވުންތަކަކީ ޤައުމީތަރައްޤީއާ ގުޅި ލާމެހިފައި ހުންނަންޖެހޭނެ ކަންތައްތައްކަމަށްވާތީ ، ދެމެހެއްއޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކާ އެއްކީލި ކުރުމަށްޓަކައި ، UNESCAP ގެ އެހީގައި ވޮލަންޓަރީ ލޯކަލް ރިވިއު އެއް ކުރިއަށްގެންދެވިފައިވާ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ އާދަމް ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މި ރިވިއު އަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވިފައިވާ ރިވިއު އެއްކަމަށްވާތީ ، ރިވިއުއިން ދައްކުވައިދެނީ ، ސިޓީ ލެވަލްގައި ހުރި ކުރިއެރުންތަކާ، ނުކޮށް ދޫކޮށްލެވިފައި ހުރިކަންތައްތައް ކަމަށެވެ. އެގޮތުން، އެކަންކަން ދެނެގަނެ ، އެކަންކަމުގައި އަޅަންހުރި ފިޔަވަޅުތައް އެޅުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ، ކަނޑައަޅާފައި ހުރި ތަރައްޤީގެ މިންގަނޑުތަކަށް ފެތޭނެގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެން ދާނެ ކަން މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، VLR ގެ ސަބަބުން ، މަޢުނަވީގޮތެއްގައި ރައްޔިތުންނާ އަދި ތަރައްޤީއަށް މަސައްކަތްކުރާ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ހިމަނައިގެން ތަރައްޤީގެ ޕްލޭންތައް ކުރިއަށް ގެންދިއުމަށް ވަރަށްބޮޑު ބާރަކަށްވެގެންދާނެ ކަމަށެވެ.

ވީ.އެލް.އާރް 2025 އަކީ، ސީދާ ރައްޔިތުންނާ ގުޅުންހުރި ކަންކަމާއި އެކި ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މުހިއްމު މަސައްކަތްތެކެވެ. މިގޮތުން މާލެ ސިޓީގެ ބޯހިޔާވަހިކަން ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުން ތަކުން ރައްކާތެރިވާނެ ގޮތްތަކާއި، އެކަން ކަމަށް އެދެވޭ ހައްލު ހޯދުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ، ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނެ މުހިއްމު މަސައްކަތެއް ވެސް މެއެވެ.

މި ރިވިއު ވެގެންދާނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް މާލެ ސިޓީން ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް، އެކަންކަމާ ގުޅޭ ރިޕޯޓު އެކުލަވައިލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމުގައެވެ.

މާލެ ސީޓިގެ ވީއެލްއާރެއް ތައްޔާރުކުރުމުގެ މަސައްކަތަކީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޚާއްސަ އިސްކަމެއް ދެއްވައިގެން، 2024 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

ވީއެލްއާރު އެކުލަވާލުމުގެ މަސައްކަތަކީ، އދ. ގެ 2030 އެޖެންޑާ ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)، ރަށު ފެންވަރުގައި ތަންފީޒުކުރުމުގެ މަސައްކަތުގެ ތެރެއިން، މާލެ ސިޓީން ކުރިއަށްގެންދާ މަސައްކަތެކެވެ.