މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 19 ފެބްރުއަރީ 2026


ރަމަޟާން މަހަކީ ނަފުސު އިސްލާޙް ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު- މޭޔަރ އާދަމް ޢާޒިމް

ރަމަޟާން މަހަކީ ނަފުސު އިސްލާޙް ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަސް މިއަދު ފެށުމާ ގުޅިގެން އެކަމުގެ ތަހުނިޔާ ފޮނުއްވުމަށް އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ލޮބުވެރި ރައްޔިތުންނަށާއި ވަކިން ޚާއްސަކޮށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މި މަހަކީ ނަފުސު އިސްލާޙް ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށާއި، އެހެންކަމުން މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދިވެހި ރައްޔިތުންނަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި މި މަހުގެ ރުއްސެވުމާއި، ފުއްސެވުން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް މިންވަރު ކުރެއްވުމަށް އެދޭ ކަމަށް މި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

" ބަރަކާތްތެރި ރަމަޟާން މަހަކީ، އަޅުގަނޑުމެންގެ ނަފުސު އިސްލާޙު ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުޞަތު. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވައިލަން. ބަރަކާތްތެރި ރަމަޟާން މަހުގެ ރުއްސެވުމާއި ފުއްސެވުން، ދިވެހި ލޮބުވެތި ރައްޔިތުންނަށް މިންވަރުކުރައްވާށި"

ސައުދި އަރަބިއްޔާ އަދި އަރަބި ބައެއް ޤައުމުތަކުގައި މިއަދު ރޯދަ މަސް ފެށިގެން ދިޔަ އިރު، އިންޑިއާ އާއި ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގެ އިތުރުން ހުޅަނގުގެ ބައެއް ޤައުމުތަކުގައި މިއަދު ހަނދު ބެލުމަށްފަހު، އެ ޤައުމުތަކުގައި ރޯދަމަސް ފެށޭނެ ކަމަށް ބުނެފައިވަނީ 19 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުއެވެ.