މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 28 މާޗް 2026


ރަމަޟާން މަހަކީ އިސްލާމީ އުސޫލުތައް އިތުރަށް ވަރުގަދަކޮށްދޭ މައްސަރެއް: މޭޔަރ އާދަމް ޢާޒިމް

ރަމަޟާން މަހަކީ އީމާންތެރިކަން ވަރުގަދަކޮށް، އަޚްލާޤު ތަރުބިއްޔަތުކޮށްދޭ އަދި ކީރިތި ޤުރުއާނާއި އިސްލާމީ އުސޫލުތައް އިތުރަށް ވަރުގަދަކޮށްދޭ މައްސަރެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ 1447 ވަނަ އަހަރުގެ 5 ވަނަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ މުބާރާތަކީ ދީނީ ޢަޤީދާއާއި އިސްލާމީ އުގަންނައިދިނުންތައް ވަރުގަދަކުރުމަށާއި، ޚާއްޞަކޮށް ދަރިންނާއި ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، މުބާރާތް ބޭއްވުމަށް ސަލްމާން މިސްކިތް ހަމަޖައްސައިދެއްވި ކަމަށްޓަކައި އިސްލާމިކް މިނިސްޓްރީއަށާއި، މުބާރާތް އިންސާފުކޮށްދެއްވި ފަނޑިޔާރުންނަށް މޭޔަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 6 އުމުރުފުރާއަކަށް ބަހާލައިގެން، ބައިވެރިވުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ހުޅުވާލައިގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު މި ދެ މުބާރާތުގައި ބައިވެރިވި ކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޤުރުއާން މުބާރާތުގެ ދެ ގޮފި އެއްކޮށް 793 ބައިވެރިން ބައިވެރިވިއިރު، މަދަހަ މުބާރާތުގައި 364 ބައިވެރިން ބައިވެރިވިއެވެ. އެއާއެކު މިއަހަރުގެ މުބާރާތްތަކުގައި ޖުމްލަ 1,157 ބައިވެރިން ވަނީ ރަޖިސްޓްރީވެފައެވެ.

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ދިގުދެމިގެންދާ ދީނީ ވައުދުތަކާއި ހެޔޮ ރޫހާނީ އާދަތަކަށް ހިތްވަރު ދިނުމުގެ މުހިންމުކަން ދެނެގަނެ، މާލެ ސިޓީ ކައުންސިލުން ވަނީ މިއަހަރު އިނާމުތަކުގެ އޮނިގަނޑަށް މުހިންމު ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ވަނަ ވަނަ އަށް ހޯދި ފަރާތްތަކަށް ފައިސާގެ އިނާމުގެގޮތުގައި ލިބޭ ފައިސާގެ ޢަދަދު ވާނީ މަތިކޮށްފައެވެ. އަދި މީގެ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު، 4 ވަނަ އާއި 5 ވަނަ ހޯދާ ފަރާތްތަކަށްވެސް ފައިސާގެ އިނާމު ވަނީ ދެވިފައެވެ.

މިއަހަރު ހާސިލްކުރެވުނު އަނެއް މުހިންމު މައިލްސްޓޯނަކީ، ފުރަތަމަ ފަހަރަށް، ބައިވެރިންނާއި ފަނޑިޔާރުންނާ ބެހޭ މުހިންމު މައުލޫމާތު ހިމެނޭ ފޮތެއް ވެސް މޭޔަރ ޢާޒިމް ވަނީ ނެރެދެއްވައިފައެވެ.