މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 07 އޭޕްރިލް 2026


މާލެ ސިޓީއަށް އިންތިހާބުވި ޑަބްލިއުޑީސީގެ މެމްބަރުންނާ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި މާލެ ސިޓީގެ ގޮނޑިތަކަށް ހޮވިވަޑައިގެންނެވި އިންތިޚާބީ މެމްބަރުންނާ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މެންދުރު 12:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ އަލަށް އިންތިޚާބުވި މެމްބަރުންނަށް މަރުޙަބާ ދެންނެވުމާއި، ކުރިއަށް އޮތް ދައުރުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރަކީ ނުހަނު ބޮޑު އަދި މުހިންމު ދައުރެއް ކަމަށެވެ. އަދި ޤައުމު ބިނާކުރުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިންތިޚާބީ މެމްބަރުންގެ ކިބައިން މޭޔަރ ޢާޒިމް އެދިވަޑައިގެންނެވީ، ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި އަންހެނުންގެ އަޑު އުފުލައި، މާލެ ސިޓީގެ އަންހެނުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް މޭޔަރ އިލްތިމާސްކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންތިޚާބީ މެމްބަރުން ވަނީ މޭޔަރ ޢާޒިމް ދެއްވި އިރުޝާދުތަކަށް ޝުކުރު އަދާކުރައްވައި، މާލޭގެ ރައްޔިތުންނާއި ޚާއްޞަކޮށް އަންހެނުންގެ ކުރިއެރުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވިލިމާލެ ދާއިރާ ފިޔަވައި ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ރައީސާ: ޢާއިޝަތު ރީޝާ

މާފަންނު އުތުރު ދާއިރާ: މަރްޔަމް ޝީޒާ

މާފަންނު މެދު ދާއިރާ: މަރްޔަމް ނާޞިފާ ޢުމަރު

މާފަންނު ދެކުނު ދާއިރާ: ބަދޫރާ

މާފަންނު ހުޅަނގު ދާއިރާ: އާމިނަތު ޝަފީޤާ

މައްޗަންގޮޅި އުތުރު ދާއިރާ: ޙައްވާ ސަހްވާ

މައްޗަންގޮޅި މެދު ދާއިރާ: ރަޝީދާ ރަޝާދު

މައްޗަންގޮޅި ދެކުނު ދާއިރާ: މަރްޔަމް ޒާހިރާ

ހެންވޭރު އުތުރު ދާއިރާ: ޢާއިޝަތު ރިޔާޝާ

މެދުހެންވޭރު ދާއިރާ: ޢާއިޝަތު މޫސާ

ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ސޯނިޔާ

ހެންވޭރު ހުޅަނގު ދާއިރާ: މަރްޔަމް ރަޝީދާ އިބްރާހީމް

ގަލޮޅު އުތުރު ދާއިރާ: ޢާއިޝަތު ނަޒާހަތު

ގަލޮޅު ދެކުނު ދާއިރާ: ފާޠިމަތު ޝިރުމީނާ

ހުޅުމާލޭ އުތުރު ދާއިރާ: ފާޠިމަތު ސިބާ

ހުޅުމާލޭ މެދު ދާއިރާ: ފާޠިމަތު ޔޫޙާ އިބްރާހީމް

ހުޅުމާލޭ ދެކުނު ދާއިރާ: މަރްޔަމް އަމީނާ

ވިލިމާލެ ދާއިރާ: ހިޝްމާ އަޙްމަދު