މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 13 އޭޕްރިލް 2026


ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 770 މައްސަލައަށް އެޓެންޑްކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މި ހިނގާ އޭޕްރީލް މަހުގެ 5 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 770 މައްސަލައަށް އެޓެންޑްކޮށްފި އެވެ.

ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފްތާ ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 559 މައްސަލަ ނިންމާފައިވާއިރު، 211 މައްސަލައެއްގައި ފޮލޯއަޕް ހަދާފައިވެ އެވެ. އަދި ޖޫރިމަނާ ކުރެވިފައިވާ 3 މައްސަލައެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

މި ހަފްތާގެ ތެރޭގައި އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން މިސްކިތްތަކާއި މައިޒާންތަކާއި ޕާކުތައް ބަލައި ޗެކްކުރުމުގެ 300 މައްސަލައަށް ވަނީ އެޓެންޑްކޮށްފަ އެވެ.

ދެ ވަނައަށް އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކަށެވެ. މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކާއި ފަޅުތެރެއަށް ކުނިއެޅުމުގެ 284 މައްސަލައަކަށް ވަނީ ހަފްތާގެ ތެރޭގައި އެޓެންޑްކޮށްފަ އެވެ.

ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައި ވަނީ މަގު ނުވަތަ ޕޭމަންޓް މަތީގައި ޤަވާއިދާ ހިލާފަށް ޕެލެޓާއި ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުން ނުވަތަ ޖަމާކުރުމާ ގުޅޭ ގޮތުންނެވެ. މި ބާވަތުގެ 102 މައްސަލައަކަށް ހަފްތާގެ ތެރޭގައި ވަނީ އެޓެންޑްކޮށްފަ އެވެ.

ޖުމްލަ އަށް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާއި، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ކަންކަމާ ގުޅޭ މައްސަލަތަކާއި، ޤަވާއިދާ ހިލާފަށް ހިންގާ ކަންކަން ހިމެނެ އެވެ.