މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް ރާއްޖެ ވަަޑައިގަތުމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެމަނިކުފާާނާއި ބައްދަލުކުރައްވައި މަރުޚަބާ ދަންނަވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ ވީއައިޕީ ލައުންޗްގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އިސްލާމީ މުޝީރު ޝައިޚް އިލްޔާސް ޖަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޢާޒިމް ދެއްކެވި ވާހަކަފުޅުގައި ޝައިޚް އާސިމް ރާއްޖެއަށް ވަޑައިގަތުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމަށާއި، ރާއްޖެއަކީ ދީނީ ކަންތަކަށް ވަރަށް ޚާއްސަ އަހަމިއްޔަތެއް ދެއްވާ ޤައުމެެއް ކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގައި ދިނީ ކަންކަން ފުޅާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލި އަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.
ޝައިހް އާސިމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގައި ޚާއްސަ ދަރުސްތަކެއް ކުރިޔަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ. "ދަ ޓްރެވެލާ" އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި ދަރުސްތައް ރާއްޖޭގެ ފަސް ސިޓީ އެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެންމެ ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުޅުއްދުފުށި ސިޓީ ގައި މި އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ. އަދި އޭގެ ފަހުން މާލެ ސިޓީގައި 29 އެޕްރީލް ވަނަ ދުވަހު ދަރުސް ދެއްވުމަށް ވަނީ ހަމެޖެހިފައެވެ. މީގެ އިތުރުން އައްޑު ސިޓީގައި މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލައް ސީޓީ ގައި ދަރުސް ދެއްވާނީ މޭއި މަހުގެ 1 ވަނަ ދުވަހުގެ ރޭގައި ކަމަށް ވެސް އިންތިޒާމް ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މި ސިލްސިލާ ދަރުސްތަކުގެ އެންމެ ފަހު މަންޒިލަކީ ތިނަދޫ ސިޓީ ކަމަށްވާ އިރު، އެ ސިޓީގައި ދަރުސް ދިނުމަށް ހަޖެހިފައިވަނީ މޭއި 2 ވަނަ ދުވެހުގެ ރޭގައެވެ.
މި ދަރުސްތައް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ދަރުސްތަކަށްފަހު އާންމުންގެ ސުވާލުތަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ.
ޝައިޚް އާސިމް އަކީ ދުނިޔޭގެ އާ ޖީލުގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
