ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭޑޭ" ގެ މުނާސަބަތުގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މޭޔަރ ޢާޒިމް މިއަދު މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހީވާގި، މުރާލި، ފަންނުވެރި އަދި ޚިދުމަތްތެރި ހުރިހާ މަސައްކަތްތެރިންނަށް ލޯތްބާއެކު ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ދުނިޔެއާއި ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ މޭސްތިރިންނަކީ މަސައްކަތްތެރިން ކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
"ޝައްކެއްނެތް ދުނިޔެ ވެސް އަދި ދިވެހިރާއްޖެ ވެސް މި ދެކޭ ތަރައްގީއާއި ކުރިއެރުމުގެ މުގުލުގައި ތިއްބެވި މޭސްތިރިންނަކީ، މަސައްކަތްތެރިން. މިއަދު އަޅުގަނޑުމެންނަށް ފަހިވެފައިވާ ހުރިހައި ފަސޭހަތަކެއްގެ އަސްލަކީ، ޚިދުމަތްތެރި މަސައްކަތްތެރިން،" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ހާލަތެއްގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ. މިއީ ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މޭޔަރ ޢާޒިމް ސިފަކުރެއްވިއެވެ.
މޭޔަރ ޢާޒިމްގެ ގެ މެސެޖު ނިންމަވާލެއްވީ ރާއްޖޭގެ ހުރިހާ ޚިދުމަތްތެރި މަސައްކަތްތެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
