މާލެ ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން މިހާރަށްވުރެ ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ވެމްކޯގެ ތަކެތި ގިނަވެ އެ ސަރަހައްދު ގޮނޑުވެފައިވާތީ އޮންލައިން ނޫސް "މިހާރު"ގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ކުންފުނީގެ މެނޭޖްމަންޓް ފެއިލްވެ، މަސްއޫލިޔަތު އަދާނުކުރެވުމުގެ ނަތީޖާއަކީ މާލޭގެ ސަރަހައްދުތައް ކުނިން ތަޣައްޔަރުވުން ކަމަށެވެ.
މާލެ ސިޓީގެ ސާފުތާހިރުކަން ގެއްލޭ ގޮތަށް ކަންކަން ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، މާލެ ސިޓީ ސާފު އަދި ހިތްގައިމު ތަނަކަށް ހެދުމަށް ކައުންސިލުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް މޭޔަރ މީގެ ކުރިންވެސް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މަގުތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް ކައުންސިލުން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ މާލޭގެ ކޮންމެ މަގެއްވެސް ހިތްފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ މަގަކަށް ހެދުމަށެވެ. ނަމަވެސް މަގުތަކުގައި ހުންނަ ކާނުތަކަށް ކުނި އެޅުމުގެ ސަބަބުން ކާނުތައް ބެދި، އާންމު ރައްޔިތުންނަށް އެކި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ކައުންސިލުން ފާހަގަކުރެއެވެ.
މިއީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.
