މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް10 މެއި 2026


ކުޑަކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެހީތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން މޭޔަރ ޢާޒިމް އެދިވަޑައިގެންފި

ކުދިންނަށް ލޯބިދީ، އެކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެހީތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފިއެވެ.

މޭޔަރ ޢާޒިމް މިކަމަށް އެދިވަޑައިގެންނެވީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ކުޑަކުދިންނަކީ މުޖުތަމައުގެ ލޮލުގެ ނޫރުކަމާއި، ހިތްތަކުގެ ހިތްހަމަޖެހުންކަން ފާހަގަކުރައްވަމުން ވިދާޅުވީ، ކުދިންނަށް ލޯބިދީ، އެކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެހީތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާދީ، އިހުމާލުވުމުގެ އަމަލުތައް ހިނގަމުންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ޚާއްޞަކޮށް، މި ފަހަކަށް އައިސް ކުޑަކުދިން ބްލީގެ ޝިކާރައަކަށް ވުން އިތުރުވަމުންދާކަން މޭޔަރ ޢާޒިމް ވަނީ ފާހަގަކުރެއްވިއެވެ.

"މަޢުސޫމް ކުޑަ ކުދިން، ބްލީގެ ޝިކާރައަކަށް ވަމުންދިއުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވާކަމެއް،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނާ މެދު ހިންގާ މިފަދަ ނޭއްގާނި އަމަލުތަކުން އެކުދިން ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކަންކަމާ ކުރިމަތިލެވޭނެ ފަދަ ގޮތަކަށް ކުދިންގެ ނަފުސު ބައްޓަންކުރުމަށް މޭޔަރ ޢާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

މޭޔަރ ޢާޒިމް ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހައި ކުޑަކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.