މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 10 މެއި 2026


މާލެ ސިޓީއަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް މޭޔަރ ޢާޒިމް ގޮވައިލައްވައިފި

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވައިލައްވައިފިއެވެ.

މޭޔަރ ޢާޒިމް މިކަމަށް ގޮވައިލެއްވީ، މި ފަހަކަށް އައިސް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް، އެކި ގޮތްގޮތުން ހަމަލާދީ ޖިސްމާނީ އަނިޔާ ދެމުންދާ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިފަދަ ނުރައްކާތެރި އަމަލުތައް ހިނގަމުންދާކަން ހިތާމައާއެކު ފާހަގަކުރައްވައި، މޭޔަރ ޢާޒިމް ވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، އުފެދޭ ވާދަވެރިކަމެއް ނުވަތަ ޚިޔާލުތަފާތުވުމެއްގެ ސަބަބުން ވިޔަސް، މީހުންގެ ހަށިގަނޑަށް ގެއްލުންދީ އަތްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގެ މަސްލަހަތު ގެއްލި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ފަދަ ޢަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވައި، މި ސިޓީއަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް، މަސައްކަތް ކޮށްދެއްވުމަށް، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވައިލަން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މާލޭގެ އަމާންކަން ގެއްލޭ ފަދަ ހާދިސާތައް އިތުރުވަމުންދާތީ، އެކަންކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.